Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

އިސްލާމިކް ބޭންކުގެ އޭޓީއެމެއް ފޭދޫގައި ބަހައްޓައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ އޭޓީއެމްއެއް އައްޑޫ ސިޓީ ފޭދޫގައި ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.

ފޭދޫ އަވަށު އޮފިސް ކައިރީ ލިންކު ރޯޑަށްވާ ގޮތަށް ބަހައްޓާގައިވާ މި އޭޓީއެމުން މިއަދުން ފެށިގެން ޚިދުމަތް ލިބެން ހުންނާނެއެވެ. އެގޮތުން، ފައިސާ ނެގުމާއި، ޕިން ނަންބަރު ބަދަލު ކުރުމުގެ އިތުރުން މިނީ ސްޓޭޓްމެންޓްގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބެން ހުންނާނެ ކަމަށް އެބޭންކުން މަޢުލޫމާތު ދެއެވެ.

ބޭންކުގެ ފަރާތުން ވާހަކަ ދައްކަވަމުން އައްޑޫ ބްރާންޗުގެ މެނޭޖަރ ޝަފްރާޒް ޒާހިރު ވިދާޅުވީ، މިއީ ކުރިއްސުރެވެސް ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށާއި، ފޭދޫއިން އޭޓީއެމްގެ ޚިދުމަތް ދެވޭގޮތް އަވަސް ކޮށްފައި މިވަނީ، މި ދަނޑިވަޅުގައި ގުޅިފައިވާ ރަށްތައް ހުރަސްކޮށް ކަސްޓަމަރުން އޭޓީއެމްގެ ޚިދުމަތް ހޯދުމަށް ހިތަދޫއަށް ކުރަން ޖެހޭ ދަތުރު ކުރު ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން، މި މަސައްކަތް ކުރެވިގެން ދިޔައީ ރާއްޖެ ލޮކްޑައުންގެ ޙާލަތުގައި އޮތް ދުވަސްކޮޅެއްގައި ނަމަވެސް، މިކަމަށް ޚާއްސަކޮށް މާލެއިން އެންޖިނިއަރުން ގެނެސްގެން ކަމަށާއި، މި މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުންނާއި، އައްޑޫ ސިޓީ ކައުންސިލުގެ އިތުުރުން އެސްއެސްޑީތަކުން ފޯރުކޮށް ދެއްވި އެހީތެރިކަން ފާހަގަކޮށް، ބޭންކުގެ ނަމުގައި ޝަފްރާޒްވަނީ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ކޮންމެ އޭޓީއެމެއްގައި، ހުރިހާ ވަގުތެއްގައިވެސް ހޭންޑް ސެނިޓައިޒަރ ހުންނާނެ ކަމަށާއި، ކަސްޓަމަރުން އޭޓީއެމް ބޭނުން ކުރެއްވުމުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އިސްލާމިކް ބޭންކުގެ ފަރާތުން ވަނީ އެދިފައެވެ.