Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މީދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި

ވެންޓިލޭޓަރ އުފެއްދި އަހުމަދު މުއީދު،

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ އެންމެ ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ވެންޓިލޭޓަރަކީ މިއަދު މުޅި ދުނިޔޭގައިވެސް އެންމެ ބޭނުންޖެހިފައިވާ އެއް މެޝިނެވެ. މި މެޝިނަށް ޑިމާންޑު ބޮޑުވެފައިވާ އިރު ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންވެސް އަންނަނީ ވެންޓިލޭޓަރުތައް އުފެެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ވެސް މިވަނީ ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް އެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއަށް ގެނެވިފައިވަނީ މެޑިޓެކުން މިމަހު 10 ގެނައި 18 ވެންޓިލޭޓަރެވެ. ރާއްޖެއަށް ވެންޓިލޭޓަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައިވަނިކޮށް ދާދި ފަހުން އެމްއެެންޑީއެފްގެ ޓެކް ޓީމަކުން ވަނީ ކާމިޔާބުކަމާއި އެކު ވެންޓިލޭޓަރެއް އުފައްދާފައެވެ. އެއާއި އެކު ދިވެހިންގެ ތެރޭގައި މިފަދަ ހުނަރުވެރިން ތިބިކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.

ހުނަރުވެރިންގެ ލިސްޓަށް މިފަހަރު އިތުރު މިވީ ސ. މީދޫއަށް އުފަން އަހުމަދު މުއީދުއެވެ. ކުޑައިރުއްސުރެން ފެށިގެން ޓެކްނިކަލް ފީލްޑަށް ޝައުގުވެރިކަން ހުންނަ މުއީދު މިވަނީ ވެންޓިލޭޓަރެއް އުފައްދައި އެ މެޝިން ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒުގައި ޓެސްޓުކޮށްފައެވެ.

މުއީދު ވަނީ އޭނާ އުފެއްދި ވެންޓިލޭޓަރުގެ މައުލޫމާތު އައްޑޫލައިވް އާއި ހިއްސާކޮށްފައެވެ. މުއީދު ބުނީ އޭނާ އުފެއްދި ވެންޓިލޭޓަރަކީ ވަރަށް އާދައިގެ ސާމާން ބޭނުންކޮށްގެންް އުފައްދާފައިވާ މެޝިނެއް ކަމަށެވެ. އަދި މެޝިން ބަރާބަރަށް މަސައްކަތް ކުރާކަމަށްވެސް މުއީދު ފާހަގަކުރިއެވެ.

މުއީދު އުފެއްދި ވެންޓިލޭޓަރުގެ ފްރޭމްގަނޑު ހަދާފައިވަނީ ލަކުޑި ފިލާއިންނެވެ. އަދި ވެންޓިލޭޓަރު އޮޕަރޭޓު ކުރުމަށް ބޭނުންކުރާ ގޮބަކީ ފަންކާ ޑިމަރެކެވެ. ދެން ބޭނުންކުރީ އިލެކްޓްރިކް ބައެއް ސާމާނު ރޫޅާލައިގެން ހޯދާފައިވާ ތަކެތިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޓްރާންސިސްޓާސް، ރެސިސްޓާސް، އަދި ސްރެޑް ރޮޑް ނަޓްއެވެ.

"ވެންޓިލޭޓަރު އުފެއްދުމަށް ބޭނުންކޮށްފައި ހުންނަނީ ރަށުން ލިބެން ހުރި ސާމާން، އިލެކްޓްރޯނިކް ސާމާނާއި، ކަބަޑު ފިލާ، ދެން ކުޑަވަރެއްގެ މޯޓަރެއް، މައިގަނޑު ގޮތެއްގައި މެޝިން އުފައްދާފައިވަނީ އެނބޫބޭގު އޮޓަމެޓިކްއިން އޮޕަރޭޓު ކުރެވޭ ގޮތަށް. އާއްމުކޮށް އެނބޫބޭގު މި ޕަމްޕު ކުރަނީ އަތުން، މިމެޝިންގައި ބޭގް ޕަމްޕު ކުރާނީ އޮޓޯއިން"

މުއީދު ބުނީ ވެންޓިލޭޓަރުގައި ބޭނުންކުރި އެނބޫބޭގަކީ ސިއްހީމަރުކަޒުގެ ބޭގެއް ކަމަށެވެ. އަދި މެޝިން ހެދީ އެބޭގަށް ސައިޒު ބަލައިގެންކަމަށެވެ.

" ވެންޓިލޭޓރު އުފައްދަން އެންމެ ބޮޑަށް ބޭނުންވާ އެނބޫ ބޭގެއް ރަށުން ލިބޭ ގޮތެއް ނުވި، އަދި މިވަގުތު ބޭރުން ވެސް ގެނެވޭކަށް ނެތް ދެން ސިއްހީ މަރުކަޒުން އެމީހުން ބޭނުން ކުރާ ބޭގެއް ބޭނުންކޮށްގެން ޓެސްޓު މިކުރީ"

މުއީދު ބުނީ އޭނާ އުފެއްދި ވެންޓިލޭޓަރުގައި އަދިވެސް އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަން ހުރިކަަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ މަސައްކަތްކޮށްގެން ދިރިއުޅެމުން އަންނަ މުއީދު ވަނީ އަމިއްލައަށް ކޮމްޕިއުޓަރ ޕްރޮގްރާމިންވެސް ދަސްކޮށްފައެވެ. އެގޮތުން އަމިއްލައަށް ބައެއް ކޮމްޕިއުޓަރ ޕްރޮގްރާމްތައް އުފައްދައި އަންނަނީ ބޭނުން ކުރަމުންނެވެ.

މުއީދުވަނީ މީގެ ކުރިން ގެސްޓު ހައުސް މެނޭޖްމަންޓު ސޮފްޓުވެއާއެއް އުފައްދާފައެވެ.

މުއީދުގެ މިއުފެއްދުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ހިތްވަރު ދެމުންނެވެ.