Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޖިލީހުން ބުނާ ކަމެއް ނުކުރަންޏާ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރުވެސް އޮވޭ: ނަޝީދު

ރައްޔިތުން މަޖިލީހުން ބުނާ ގޮތަށް ނުވަތަ މެންބަރުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ނުލިބޭ ކަމަށްވާ ނަމަ ސަރުކާރު ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރިހަމަ ބާރުވެސް މަޖިލީހަށް ލިބިގެންވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ލޮކްޑައުން ކުރުމުގެ ކުރުން މާލެ ގޮސް ލޮކްޑައުންގެ ސަބަބުން އެނބުރި ރަށްރަށަށް ދެވިފައި ނުވާ ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކުރައްވާ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން މަޖިލީހުގެ އެތައް ޖަލްސާއެއްގައި އެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން ނުދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ އެމަނިކުފާނު ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަމުގައި މެންބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ހުދު އެމަނިކުފާނުގެ ވެސް ކެތްތެރިކަން ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކަންކަމާ ގުޅޭ ގޮތުން ހަވާލުވެ ތިއްބަވާ ބޭފުޅުން އެ މައްޗަށް އަމަލު ނުކޮށް ތިއްބަވާން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ހުރިހާ ބޭފުޅުން ވެސް ކަންބޮޑުވާ ކަމެއް، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަންޖެހޭނެ އަތޮޅު ތެރޭ އެތައް ބަޔަކު މާލޭގައި ތާށިވެފައި ތިބުމުން، އެއީ އެތައް ބަޔަކަށް ބޮޑު ގެއްލުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މަޖިލީހުން ބުނާ ގޮތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުކުރާ ނަމަ އެބޭފުޅުންގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެކަން ސަރުކާރު ބޭފުޅުންނަށް ހަނދުމަފުޅު ކޮށްދެއްވާފައެވެ. ނަމަވެސް އެއީ އޭނާ އެދެން ބޭނުންވާ ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މާލެ އިން ފުރައިގެން ރަށަށް ދާން 5000 މީހަކު އެދިފައިވާ ކަމަށް ވިދާޅުވެފައެފެ.