ފްލޫ ކްލިނިކްތަކަށް ދައްކާ އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރުން ހުއްޓާލައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ތިނެއް ނޫނީ ހަތަރު ދުވަހެއް ވަންދެން ފްލޫ ކްލިނިކަށް ދައްކާ އެންމެންގެ ޓެސްޓުތައް ނެގި ކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރުމުން ލެބޯޓްރީގެ ލޯޑު މާބޮޑަށް ބޮޑުވާތީ އާ ނިންމުންތަކެއް މިހާރު ނިންމާފައިވާ ކަމަށެވެ.
"ޑޮކްޓަރުންގެ ލަފަޔަކީ ވެސް އެކަމުގައި ފްލޫ ކްލިނިކަށް ދިޔުމުން، އެމީހާއާ ސުވާލު ކުރެވިފައި ދެން އެމީހަކު ބައްލަވާ ޑޮކްޓަރު ނިންމާނީ ސާމްޕަލް ނަގަންޖެހޭ މީހެއްތޯ ނުވަތަ ނޫންތޯ. އެހެން ބަލާފައި ނަގަނީ" މަބްރޫކް ވިދާޅުވިއެވެ.
އެގޮތުން މިއަދު 150 މީހަކު ފްލޫ ކްލިނިކްތަކަށް ދެއްކި އިރު ބައްޔަށް ޓެސްޓު ކޮށްފައިވަނީ 80 ވަރަކަށް މީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ފްލޫ ކްލިނިކަށްދާ އެންމެން ކޮވިޑަށް ޓެސްޓު ކުރަން ނިންމީ މާލޭގައި މި ބަލި ފެތުރެން ފެށުމުގެ ކުރިންނެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1106 އަށް އަރާފައިވާއިރު، 74 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.