Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ސައުދީން ޕޮޒިޓިވްވި 50 އިންސައްތަ މީހުން ރަނގަޅުވެއްޖެ

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޑރ.މުހައްމަދު އަބްދުލް އަލީ ވިދާޅުވީ އިއްޔެ ސައުދީން އިތުރު 3،026 މީހުން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 28،748 އަށް އަރާފައެވެ.

"ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު ވަނީ 50 އިންސައްތަ އަށް ވުރެ މައްޗަށް ގޮސްފައި. މިހާރު އެކްޓިވް ކޭސްތަކަށް ވުރެ ރަނގަޅުވި މީހުން ގިނަ" އޭނާ ވިދާޅުވިއެވެ.

ސައުދީން އިއްޔެ ވަނީ އާ 2،593 ޕޮޒިޓިވް ކޭސް ފެނިފައެވެ. މީގެތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ވެރިރަށް ރިޔާޟުންނެވެ. އެގޮތުން އެ ސިޓީން ވަނީ 642 ކޭސް ފެނިފައެވެ. މައްކާ އިން 510 ކޭސް ފެނުނުއިރު ޖިއްދާ އިން ވަނީ 305 ކޭސް އަދި މަދީނާ އިން ވަނީ 245 ކޭސް ފެނިފައެވެ.

އިއްޔެގެ ކޭސްތަކާއެކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 57،345 އަށް އަރާފައެވެ. ސައުދީން މިހާތަނަށް ވަނީ މި ބަލީގައި 320 މީހަކު މަރުވެފައެވެ.