Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައިބީ، ނިހާދަށް: ކުއްލި މައްސަލައެއް ބޭނުމެއް ނޫން، ކުއްލި ހައްލު ހޯދައިދީ

މިދިޔަ ހަފްތާގައި އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ފޭދޫގައި ފެންބޮޑުވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ ބަދަލުގައި މައްސަލައަށް ކުއްލި ހައްލެއް ހޯދައިދިނުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)، އެ ދާއިރާގެ މިހާރު މެމްބަރު މުހައްމަދު ނިހާދަށް ގޮވާލައިފިއެވެ.

އައިބީ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ފޭދޫ އަކީ އާއްމުކޮށް ބޯކޮށްވާރޭ ވެހޭއިރު ފެންބޮޑުވެ ޖަންގްޝަންތަކުން ނަޖިސްބޭރުވެ ރައްޔިތުންގެ މުދަލާއި އާއްމު ދިރިއުޅުމާއި ސިއްހަތަށް ނުހަނު ގެއްލުންވާ ރަށެއްކަމަށާއި، އޭނާ މަޖިލީހުގައި މަސައްކަތް ކުރި 5 އަހަރު ތެރޭގައި ވާނީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބަޖެޓުގައި 70 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިމަނައި، ޓެންޑަރކޮށް، އެވޯޑްކޮށް އަދި އެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތުގެ ބޮޑުބައި ނިންމާފައި ކަމަށެވެ.

މިގޮތުން ސާފުބޯފެނުގެ ޕްރޮޖެކްޓްނިމި ބޭނުންކުރަމުން ދިޔައިރު، ނަރުދަމާގެ ޕްރޮޖެކްޓްވަނީ އަމަލީ މަސައްކަތް އެއްކޮށްނިންމައި ހިންގުމަށް ޒިންމާވާ ކުންފުންޏާއި ހަވާލުކުރެވިފައި ކަމަށާއި ފެންހިންދާ ނިޒާމުގެ ޕްރޮޖެކްޓްވަނީ 90 އިންސައްތަ މަސައްކަތް ނިމިފައި ކަމަށް އައިބީ ވިދާޅުވިއެވެ.

"ނަމަވެސް 2018 ވަނައަހަރު ސަރުކާރު ބަދަލުވެ ޖެހިގެން އައި އަހަރު މިހާރުގެ މަޖިލިސް މެމްބަރު މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ފާއިތުވެ ދިޔަ އެއް އަހަރުތެރޭގައި ވަނީ މި ދެންނެވުނު ދެ ޕްރޮޖެކްޓް އެއްކޮށް ހުއްޓި ކުރިއަށްނުގޮސްފައެވެ. މި މުއްދަތުގައި އެކި ފަހަރު މަތިން ފޭދޫގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން ދިޔައިރު ފޭދޫ ދާއިރާގެ މެމްބަރަށް މިހާރުގެ ތިމާވެށި މިނިސްޓަރާއި މިކަމާއި ބެހޭގޮތުން ޤާނޫނީގޮތުން ސުވާލު ނުކުރެވިފައިވާކަމީ މެމްބަރުގެ ޤާނޫނީ ވާޖިބު އަދާނުކުރެވުންކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ" އައިބީ ވިދާޅުވިއެވެ.

މިޕްރޮޖެކްޓް ނުނިމިގެން އުޅޭ ސަބަބު ރައްޔިތުންނަށް ތަފްސީލުކޮށް އޮޅުންފިލުވައި ނުދެވިއޮތުމާއި އަދި މިޕްރޮޖެކްޓް ނިންމުމަށް ދާއިރާގެ މެމްބަރަށް ނަތީޖާނެރެވޭފަދަ މަސައްކަތްތަކެއް ނުކުރެވި އޮތުމަކީ ރައްޔިތުންގެ ހާލު ރަނގަޅަށް ބަލައި އަދި ދާއިރާގެ ހާލަތު ވަޒަންކޮށް ރައްޔިތުން ތަމްސީލުކުރުމަށް މެމްބަރު ނުކުޅެދިފައިވާކަން ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

"މިހާލަތުގައި ރައްޔިތުން އެދި ގޮވަނީ ދާއިރާގެ މެމްބަރު ކުއްލި މައްސަލަ ހުށެހެޅުމަކަށް ނޫނެވެ. ކުއްލި ހައްލު ހޯދުމަށެވެ. އަދި ކުއްލި ނަތީޖާ ނެރެދެއްވުމަށެވެ" އައިބީ ވިދާޅުވިއެވެ.

މީގެއިތުރުން އައިބީ ވަނީ ކައުންސިލާއި މަޖިލިސް އަދި ސަރުކާރު އެއް ސިޔާސީޕާޓީއަކަށް ހަވާލުކުރެވި، އެސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަނޑައަޅުއްވާފައިވާ މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުން ތިބެމެ ގިނަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގެ ފަސޭހަ ހައްލެއް އޮވެމެ އެހައްލު ނުހޯދި އެއްއަހަރުވެގެން ގޮސްފައިވާއިރު ޒިންމާ ނެންގެވުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވަމުން ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތަށް ކުށްވެރި ކުރާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް އައިބީ ވަނީ ނިހާދަށް ގޮވާލާފައެވެ.

"އަޅުގަނޑު އެދެނީ މި ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ވަކި ސިޔާސީޕާޓީއަކާއި ހަވާލުކުރުމަށް ފޭދޫދާއިރާގެ ރައްޔިތުން ދެއްވި ވޯޓަށް އިޚްތިރާމްކުރާ ހާލު މިމައްސަލަ ވަގުތުން ވަގުތަށް ހައްލުކުރުމުގެ ޒިންމާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ނަންގަވައި ސަރުކާރާއި ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް، ރައްޔިތުންނަށް ފެންބޮޑުވުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ނުލިބެނީސް މި މައްސަލަ ހައްލުކޮށްދެއްވުމެވެ" އައިބީ ވިދާޅުވިއެވެ.