Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

އަފްޣާނިސްތާނުގެ މިސްކިތަކަށް ބަޑިން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި

Photo: AFP

އަފްޣާނިސްތާނުގެ މިސްކިތަކަށް ބަޑިން ހަމަލާދީ 7 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަފްޢާނިސްތާނުގެ ޕަރްވަން ޕްރޮވިންސުގައި ހުންނަ މި މިސްކިތަށް ދިން ހަމަލާގައި 7 މީހުން ޝަހީދުވެ، އިތުރު 12 މީހަކު ވަނީ ޒަޚަމް ވެފައެވެ.

އެ ޕްރޮވިންސްގެ ފުލުހުންގެ ޗީފް ހާރޫން މުބަރެޒް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހުގެ މަޣްރިބް ނަމާދަށް ބަންގި ގޮވުމުން، ރޯދަ ވީއްލުމަށްފަހު ނަމާދު ކުރަން ތިިބި މީހުންނަށް ހަމަލާ ދިނީ ބަޑި ހިފައިގެން އައި ބައެއް ކަމަށެވެ.

މިހަމަލާއަށް ފަހު ހަމަލާ ދިން މީހުން ސަރަހައްދު ދޫކޮށް ވަނީ ފިލާފައެވެ. އަދި މި ހަމަލާގައި ޝާމިލުވީ ކިތައް މީހުންކަން މިހާތަނަށް ސާފު ނުވެއެވެ.

އަފްޣާނިސްތާނުގެ އެތެރޭގެ ކަންކަމުގެ ވުޒާރާއިން ވަނީ މި ހާދިސާ ހިނގާފައިވާ ކަން ކަށަވަރުކޮށްދީ، ހަމަލާގެ ޒިންމާ ތާލިބާނުންގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް ތާލިބާނުން ވަނީ މި ތުހުމަތަށް އިންކާރު ކޮށްފައެވެ.

މިފަހަކަށް އައިސް، އަފްޣާނިސްތާނުގައި އާންމުންނަށް އަމާޒުކޮށްގެން ދެވޭ ހަމަލާތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައިވެސް، ކާބުލްގެ ހޮސްޕިޓަލެއްގެ ވިހައިގެން އުޅޭ މީހުންތިބޭ ބަޔަށް ބަޔަކު ވަދެ ވަނީ ހަމަލާ ދީފައެވެ. އެ ހާދިސާގައި އަލަށް އުފަންވި ތުއްތު ކުދިން ހިމެނޭގޮތަށް، 24 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.