Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ސޭފް ޓޫރިޒަމް ގައިޑްލައިނަށް އަމަލު ކުރާނީ މަޝްވަރާއަށް ފަހު: ޓޫރިޒަމް

މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި 1.5 މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުން، ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުން، ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް19 ގެ ހާލަތުން އަރައިގަނެ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް އެކުލަވާލި "ސޭފް ޓޫރިޒަމް ގައިޑްލައިނަށް" އަމަލު ކުރަން ފަށާނީ އިންޑަސްޓްރީގެ ފަރާތްތަކާއި އެކު މަޝްވަރާކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ނިއު ނޯމަލްގައި ޓޫރިޒަމް ހުޅުވާލުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިނަށް ވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ހިއްސާކޮށްފައެވެ. އަދި އެ ޑްރާފްޓަށް ހިޔާލު ހުށަހެޅުމަށް ވަނީ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.

ޑްރާފްޓްގައިވާ ގޮތުން އަންނަ ޖޫން މަހު ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާނެއެވެ. އެގޮތުން ފުރަތަމަ ހުޅުވާލާނީ ޕްރައިވެޓް ޖެޓް އަދި ސުޕަޔޮޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށެވެ. އެގޮތުން ރާއްޖެ އަންނަ ކޮންމެ ޖެޓަކުން ލޭންޑިން ފީއެއްގެ ގޮތުގައި 50،000 ޑޮލަރު އަދި ސުޕާ ޔޮޓް ރާއްޖެ ވަނުމުގެ ފީއެއްގެ ގޮތުން 10،000 ޑޮލަރު ދައްކަން ޖެހެއެވެ.

ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރ ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ އިރު ޓޫރިޒަމްއިން އެކުލަވާލި ޑްރާފްޓާއި ގުޅިގެން އިންޑަސްޓްރީގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މުޅި ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީ ބޮޑު އިގްތިސާދީ އަޑިގަނޑެއްގައި އޮތް ވަގުތު ފަތުރުވެރިން ގެނައުމުގައި ނަގަން ހަމަޖައްސާފައިވާ ފީތައް ބޮޑު ކަމުގެ ޝަކުވާ އިންޑަސްޓްރީގެ މީހުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު ވިސާގެ ގޮތުގައި 100 ޑޮލަރު އަދި ޕީސީއާރު ޓެސްޓަށް 100 ޑޮލަރު ނެގުމަށް ހިމަނާފައިވާތީ އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.