Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެންނަ ސިއްހީ ސާމާނަކީ އިސްރާފުވާނެ އެއްޗެއް ނޫން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަ ސިއްހީ ސާމާނަކީ އިސްރާފުވާނެ އެއްޗެއް ނޫންކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) އިން ބުނެފިއެވެ.

އެންއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށްވެސް ކަންތައްތަކެއް ދަސްވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ މުހިއްމުކަަމަށް މަސައްކަތް ކުރަން ޖެހޭކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑް-19 ރާއްޖެ އައުމުގެ ކުރިންވެސް ސަރުކާރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް އައީ ކުރަމުންކަމަށެވެ. އަދި އެކަމަށް ޕްލޭން ހަދައި ސާމާން ހޯދުމުގެ މަސައްކަތް ކުރަމުން އައިސްފައިވާކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަ ވެންޓިލޭޓަރު ތަކާއި އެހެނިހެން ސިއްހީ ސާމާނު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރުމަށް މި ބައްޔަށް ފަހު ފޮނުވާނެކަމަށެވެ. އަދި މި ސާމާންތަކަކީ އިސްރާފުވާނެ އެއްޗެއް ނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ހާލަތު ގޮސްދާނެ މިންވަރުގެ މައްޗަށް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން ލަފާކުރި ލަފާ ކުރުމާއި ގުޅޭ ގޮތުން ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރެވުމުން އައުމާއި ގުޅިގެން ސަރުކާރުން ހޯދި ސިއްހީ ސާމާނަކީ އިސްރާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރާއްޖެއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން 70 ވެންޓިލޭޓަރު ގެނައުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް ރާއްޖެ ގެނެވުނީ 18 ވެންޓިލޭޓަރެވެ.