Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަޖިލީހުގެ ރައީސްގެ މުސާރައިން 22 ޕަސެންޓްް ކުޑަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޖުމްލަ މުސާރައިން 22 ޕަސެންޓްް ކުޑަކޮށްފިއެވެ.

ކުރިއަށް އޮތް ތިން މަހަށް މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަވެފައިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްވުމާ ގުޅިގެންނެވެ. އެ ރިޕޯޓު ފާސްވީ 64 މެމްބަރުންގެ ވޯޓާއެކުއެވެ.

މަޖިލީހުގެ ރައީސަށް އަސާސީ މުސާރައިގެ ގޮތުގައި މީގެކުރިން ލިބެމުން އައިސްފައިވަނީ 53،125 ރުފިޔާއެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ޖުމްލަ 73،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ނަމަވެސް މިއަދު ގެނައި މި ބަދަލާއެކު އެމަނިކުފާނަށް އަސާސީ މުސާރައިގެ ގޮތުގައި ދެން ލިބިވަޑައިގަންނަވާނީ 37،188 އެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި ލިބޭ 20،000 ރުފިޔާއާއެކު އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ކުރިއަށް އޮތް ތިން މަހު ލިބިވަޑައިގަންނަވާނީ ޖުމްލަ 57،188 ރުފިޔާއެވެ.

މީގެއިތުރުން މިއަދު ގެނައި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މުސާރައިން 17 ޕަސެންޓް ވަނީ އުނިކޮށްފައެވެ. މީގެކުރިން މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގެންނެވި ނަމަވެސް ދެން ލިބިވަޑައިގަންނަވާނީ 75،700 ރުފިޔާއެވެ.

އަދި މި ބަދަލުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ވަނީ 82،500 ރުފިޔާ އިން 69،750 އަށް ކުޑަވެފައެވެ. މިއީ 15 ޕަސެންޓްގެ ބަދަލެކެވެ.