Last Updated: April 18, 22:36
Friday, April 19, 2024
ވިޔަފާރި

98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 98 ވިޔަފާރީއަކަށް ލޯނު ދޫކޮށްފިއެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި ކަމަށެވެ.

އެގޮތުން މި ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި ކަމަށާއި އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި" ރައީސް ވިދާޅުވިއެވެ.

އަދި ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި އެގޮތުން ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.