Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އަމާޒު ހުރީ ކޮވިޑުން ސަލާމަތްވުމަށް، ސިޔާސީ މީހުންނަށް ރައްދުދޭން ބޭނުމެއް ނޫން

އަމާޒު ހުރީ ކޮވިޑް-19 އިން ސަލާމަތްވުމަށް ކަމަށާއި ސިޔާސީ މީހުންނަށް ރައްދުދޭން ބޭނުމެއް ނުވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ ކޮވިޑްގެ ކަންކަމުގައި އަމީން އަށް ހިޔާނާތުގެ ތުހުމަތުތަކެއް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެކި ކަންކަމުގައި ހިޔާލުފާޅުކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެފަދަ ކަންކަމަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ.

އަދި ކޮވިޑް އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަމަށް ފާރަވެރި ނަޒަރަކުން ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއަށްފަހު އޮންނަ މިންގަނޑެއްގެ ތެރޭގައި ހިޔާލުފާޅުކޮށް ގޯހެއް އުޅޭނަމަ އެކަންކަން ބެލުމަށް ކަމާބެހޭ މުއައްސަސާތައް އެބަހުރި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"މި ހާލަތުގައި އަޅުގަނޑުމެންގެ އަމާޒު މިހުރީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް. އަޅުގަނޑުމެންގެ އަމާޒު މިހުރީ ކޮވިޑްގެ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވާ މުސީބާތުން އަރައިގަތުމަށް. ސިޔާސީ އުއްމީދުތަކާއި ސިޔާސީ ކަންކަމުގައި ނުވަތަ ސަރުކާރަށް ފާޑުކިޔުމުގެ ތެރެއިން ކުރިއެރުން ހާސިލުކުރަމުންދާ މީހުންނަށް، އެކަމުގައި ތިބުމަކީ އަޅުގަނޑުމެން ކޮންމެހެން ވިސްނާ ކަމެއް ނޫން" އަމީން ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް އާއި ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަން ޑަބްލިއުއެޗްއޯ އާއި އަދި މި ސަރަހައްދުގެ ބައެއް ފަރާތްތަކުން ވެސް ފާހަގަކުރައްވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 1186 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 91 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.