Last Updated: June 14, 18:14
Saturday, June 14, 2025
ޚަބަރު

ކުރީގެ ރައީސުންގެ މުސާރަ މުރާޖައާކުރަން މައުމޫން ތާއީދު

ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިކަން ރާއްޖޭގެ އިގްތިސާދަށްވެސް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެގޮތުން ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.