Last Updated: April 19, 18:52
Friday, April 19, 2024
ދުނިޔެ

ތޫފާން އަމްފާންގައި 72 މީހަކު މަރުވެ ބޮޑެތި ގެއްލުންތަކެއް

"އަމްފާން" ގެ ނަމުން ނަން ދީފައިވާ ބާރުގަދަ ތޫފާންގައި އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުން 72 މީހަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބަނާޖީ ވިދާޅުވީ މަރުވި 72 މީހުންގެ ތެރެއިން 15 މީހުން ނިސްބަތްވަނީ އެ ސްޓޭޓުގެ ވެރިރަށް ކޮލްކަތާއަށް ކަމަށެވެ.

މި ތޫފާނުގައި އެ ސްޓޭޓަށް ލިބިފައިވަނީ މީގެކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ގެއްލުންތަކެއް ކަމަށާއި، މި ގެއްލުންތައް އަމިއްލަފުޅަށް ވަޑައިގެން ބެއްލެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދަންނަވާނެ ކަމަށްވެސް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

މި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކަށް ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ދޭން ފެށުމުން ތިން ހަތަރު ދުވަހެއްގެ ތެރޭގައި ޒިޔާރަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތޫފާނުގައި އިންޑިއާ އިން އިތުރު މީހުންތަކެއް މަރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ތޫފާނުގެ އަސަރު ބަންގްލަދޭޝް އަށް ވެސް ވަނީ ކޮށްފައެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 10 މީހަކު މަރުވެފައެވެ.

ބާރުގަދަ ތޫފާނަކާއި އިންޑިއާ އަދި ބަންގްލަދޭޝް އިން ކުރިމަތިލާން ޖެހިފައިމިވަނީ، ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ދެ ގައުމުން ވެސް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ބަލީގެ ނުރައްކާ އެ ދެ ގައުމުގައި ވެސް ވަނީ ބޮޑުވެފައެވެ.