Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ލޭމަތި މީހުންނަށް ކޮރޯނާވައިރަސް ވަރަށް ނުރައްކާ!

ލޭމަތި މީހުންނަށް ކޮރޯނާވައިރަސްގެ ނުރައްކާ ވަރަށް ބޮޑުކަމަށާއި އެފަދަ މީސްމީހުން ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް ސައުދީ އަރަބިޔާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ޑޮކްޓަރ މުޙައްމަދު އަލްޢަބްދުލް ޢާލީ ރިޔާޟުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮރޯނާވައިރަސް ޖެހޭ މީހުންނަށް ބަލާއިރު ލޭމަތި މީހުންނަކީ ބަލީގެ ނުރައްކާ އެންމެބޮޑުވާ މީހުންގެތެރޭގައި ހިމެނޭ ބައެއްކަމުގައެވެ.

"އެމީހުން ވަރަށް ނުރައްކާތެރި ހާލަތެއްގައި އުޅެންޖެހޭ." ޑޮކްޓަރ މުޙައްމަދު ވިދާޅުވިއެވެ. "ލޭމަތި މީހުން ވަރަށް ބޮޑަށް ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަންޖެހޭ."

ލޭމަތި މީހުންނަކީ ނާޒުކު ބަޔަކަށްވާތީ އެފަދަ މީހުން ސިއްހީ ވުޒާރާގެ އެންގުންތަކަށް ވަރަށް ބޮޑަށް އިހުތިރާމު ކުރުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ގަވައިދުން ބަލީގެ ބޭސް ބޭނުންކުރުމަށާއި ބްލެޑް ޕްރެޝަރ ގަވައިދުން ބެލުމަށާއި ހާސްވެ ކަންބޮޑުވާކަންތަކުން ދުރުހެލިވުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ޑރ. މުޙައްމަދު ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ލޭމަތި މީހުން ގެއިން ބޭރަށް އެއްގޮތަކަށް ވެސް ނުނިކުމަށާއި ބަލީގެ އަލާމާތެއް ހަމަ ފެންނައިރަށް ސިއްހީދާއިރާގެ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

"ބަލިޖެހޭތަނުން ބޭސްފަރުވާ ކުރެވެން ފަށައިފިނަމަ ނުރައްކަލާ ކުރިމަތިނުވެ ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑު." އޭނާ ވިދާޅުވިއެވެ.