Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މެމްބަރުންނާ އެއްވަރުގެ މުސާރައެއް ނެންގެވުމަށް އީވާ ނިންމަވައިފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެއްވަރުގެ މުސާރައެއް ނެންގެވުމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނިންމަވައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މިރޭ ބުނީ މަޖިލީހުގެ ނައިބު އީވާ، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެގޮތަށް އަމަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، މި ބަދަލާއެކު ވެސް ދައުލަތުގެ އެންމެ މަތީ ތިން ބާރުގެ ވެރިންނަށް ލިބިވަޑައިގަންނަވާ މުސާރަ އަށްވުރެ ބޮޑު އެއްޗެއް މަޖިލީހުގެ ނައިބު ރައީސް އަށް ލިބިވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މުސާރަތައް ކުޑަކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވަނީ 65،000 ރުފިޔާ އެވެ. މަޖިލީހުގެ ރައީސަށް 57،188 ރުފިޔާ ލިބިވަޑައިގަންނަވާއިރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނީ 58،188 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްގެ މުސާރަ ކުޑަކުރުމުން ވެސް 75،700 ރުފިޔާ ލިބިވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

މެމްބަރުންނާ އެއްވަރުގެ މުސާރައެއް ނެންގެވުމަށް އީވާ ނިންމެވިއިރު، މި ބަދަލުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ވަނީ 82،500 ރުފިޔާ އިން 69،750 އަށް ކުޑަވެފައެވެ. މިއީ 15 ޕަސެންޓްގެ ބަދަލެކެވެ.