Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމަކީ އިންސާފެއް ނޫން: ނަޝީދު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެކަނި ޖަލުގައި ބޭންދުމަކީ އިންސާފެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އަމިއްލަ އަތްޕުޅުން ލިޔެ އެމްޑީޕީގެ އިސްފަރާތްތައް ހިމެނޭ ވަޓްސްއަޕް ގްރޫޕަކާއި ހިއްސާ ކުރެއްވި ލިޔުމެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް، އެކަން ކުރުމުގައި އަޅުގަނޑުމެން ފަސް ޖެހެންވީ ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެރިކަމަށް އައުމަށް ރައްޔިތުންނަށްވީ ވައުދު ފުއްދަން ޖެހޭ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަން ބުނި ކަންކަން ވެސް ބަލަން ޖެހޭ ކަމަށެވެ.

"މަރު ކޮމިޝަންގެ މައްސަލަތައްވެސް، ހަމަ މިފަދަ، ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން" ނަޝީދުގެ މެސެޖުގައިވެއެވެ.

ނަޝީދު މިފަދަ މެސެޖެއް ޕާޓީގެ މެމްބަރުންނާއި ހިއްސާކުރެއްވި އިރު އެމަނިކުފާން އިއްޔެ ވަނީ ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ޕީޕީއެމްގެ ނައިބް ލީޑަރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އާއި ޕީއެންސީގެ ނައިބް ލީޑަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓް ރީޓްވީޓު ކުރައްވާފައެވެ.