Last Updated: April 25, 10:47
Thursday, April 25, 2024
ދުނިޔެ

107 މީހުންނާއެކު ދަތުރުކުރި ޕާކިސްތާނުގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

107 މީހުންނާއެކު ދަތުރުކުރި ޕާކިސްތާނުގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ އެވެ.

ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މި މަތިންދާ ބޯޓު ވެއްޓިފައިވަނީ ކަރާޗީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފްލައިޓުގައި ތިބީ 99 ފަސިންޖަރުންނާއި 8 ކްރޫންނެވެ. ނަމަވެސް މިހާތަނަށް މަރުވީ ކިތައް މީހުން ކަމެއް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެެއެވެ.

މި ފްލައިޓަކީ ޕާކިސްތާނުގެ ލާހޯރުން ކަރާޗީގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ފްލައިޓެކެވެ.

މި ފްލައިޓު ވެއްޓުނު ސަރަހައްދުގައި ހުރި ބައެއް ގެތަކަށާއި ޕާކުކޮށްފައިވާ ކާރުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ރެސްކިއު ޓީމުތަކުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ފްލައިޓް ވެއްޓިފައިމިވަނީ ލޮކްޑައުން އަށް ފަހު އެގައުމުގައި ކޮމާޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މަތިން ބޯޓުތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް މީގެކުރިން ޕާކިސްތާނުގައި ހިނގާފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ވެއްޓި ވަނީ 47 މީހަކު މަރުވެފައެވެ.