Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ޔާމީން ޖަލަށްލުމަކީ މި ގަރުނުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަނިޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ މި ގަރުނުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަނިޔާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ޔާމީން ޖަލުން މިނިވަން ކުރަންޖެހޭ ކަމަށާއި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާޒީ އަޒުލުކޮށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމަކީ ބޭއިންސާފު ހުކުމެއްކަން އެކަން ކުރި ގޮތުން ވެސް ސާފުވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ މިނިވަން ތަހުގީގެއް ކުރަންޖެހޭ. ރިޝްވަތު ނެގި މީހުން ވެސް އެނގެން ޖެހޭ. މައްސަލަ މަތިން ތިރިއަށް ބަލަންޖެހޭ" ޝަހީމް ވިދާޅުވިއެވެ.

އަދި ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށް ބުނާ އެއް މިލިއަން ރުފިޔާ ދައުލަތުގެ ބެލުމުގެ ދަށުގައި އަމިއްލަށް އަށް އިސްނަގައިގެން ބަހައްޓާފައި ވަނިކޮށް ޔާމީނަށް ހުކުމްކޮށް ޖަލަށްލުމަކީ 21 ވަނަ ގަރުނުގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަނިޔާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ ފައިސާ 200 މީހުން ނެގި ކަމަށް ބުނާއިރު އެ ފައިސާ ކޮބާ؟ ކޮބާ އެމީހުން" ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.