Last Updated: March 19, 12:43
Tuesday, March 19, 2024
ޚަބަރު

ނަހުލާ ކޮމިޓީއަށް ހާޒިރުކޮށްދޭން ޖާބިރު އެދިއްޖެ

ޒިންމާ އަދާނުކުރައްވާތީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކޮށްދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ޖާބިރު މިކަމަށް އެދިވަޑައިގެންނެވީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ފަލާހަށް ފޮނުއްވި ސިޓީއެއްގައެވެ.

އެގޮތުން ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި ނަމަވެސް ރަށްރަށުގައި މިހާރު ހެދިފައިވާ ބަނދަރުތައް ބޭނުން ކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

އަދި މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތް ކުރުން މަނާކުރެވިފައިވީ ނަމަވެސް މިކަން ބޮޑުކޮށް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. މި ކަންކަން މި ދިމާވަނީ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދާ އުސޫލުތައް ފުރިހަމަނުވުމުން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ވީމާ، މިކަން މިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާއަދާ ނުކުރެވި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އޮތަތީ އެކަމާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން އަޅުގަނޑު ބޭނުންވާނީ އެކަން ހަމަޖައްސަވައިދެއްވުމަށް އެދި ދެންނެވީމެވެ" ޖާބިރު ވިދާޅުވިއެވެ.