Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މާދަމާ އަކީ ފަހު ރޯދަ، އީދު ވާނީ އާދީއްތަ އަށް

މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ޝައްވާލް މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވަނީ އީދު ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވާތީ ކަމަށެވެ.

އަދި މިގޮތަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާދީއްތަ ދުވަހަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އީދު ނަމާދު ގޭގައި ކުރުމަށް މިނިސްޓްރީން ވަނީ މީގެކުރިން އިލްތިމާސްކޮށްފައެވެ.

އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލައި ކަމަށާއި ގޭގައި އީދުނަމާދު އެކަނި ވެސް ކުރެވޭނެ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ގޭގެ އަހުލުންނާ އެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުވެގެންވާ ކަމަށެވެ.

އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަގިނައިން ތަކުބީރުކިޔައި ދުއާކޮށް، ޝަރުއީ ހަމަތަކުގެމަތިން ރައްކާތެރިކަމާ އެކު، ގޭގައި އަހުލުންނާ އެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.