Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ރޯގާ ރަނގަޅުވިޔަސް، ރޯގާގެ ތަދު އަދި އޮތީ ކުރިއަށް: ނަޝީދު

ކޮވިޑް-19 އިން ރަނގަޅުވެ ގައުމުތައް ހަމަޔަށް އެޅުނު ނަމަވެސް، ރޯގާގެ ތަދު އަދި އޮތީ ކުރިއަށް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ނ.ކެނދިކުޅުދޫ ޒުވާނުން ނުކުމެ އެ ރަށުގައި ގިނަ އަދަދެއްގެ ބަނބުކެޔޮ ނިރު އިންދުމުގެ މަސައްކަތް ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނަޝީދު ވަނީ ކެނދިކުޅުދޫ ރައްޔިތުންނަށް ސާބަސް ދެއްވައި، މިފަހަރުގެ މި ބޮޑު ރޯގާ އިން އަމިއްލަ އަށް ހައްދާ ތަކެތި ކައިބޮއި އުޅެވޭނެކަން ސާފުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"ރޯގާ ރަނގަޅުވިޔަސް، ރޯގާގެ ތަދު އަދި ކުރިއަށް އޮތް ކަމަށް ފެންނަނީ" ނަޝީދު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާއިރު، ސަރުކާރުން މިހާރު އަންނަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުޔެއް ދިނުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހުގެރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން ކަމަށެވެ.

އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށާއި، އެ ގޮތުން މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.