Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މަނަދޫން ނެގި ހުރިހާ ސާމްޕަލެއް ކޮވިޑަށް ނެގެޓިވް

ނ.މަނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާ ގުޅިގެން ނެގުނު ސާމްޕަލްތައް ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މަނަދޫން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ސާމްޕަލްތަކެއް ނެގިފައިވާ ކަމަށާއި އެގޮތުން އެކްޓިވް ސަވައިލެންސްގެ ގޮތުގައި 30 ސާމްޕަލް، ރީ ސާމްޕްލިން އަށް އެއް ސާމްޕަލް އަދި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވިގެން 55 ސާމްޕަލެއް ނެގިފައިވާ ކަމަށެވެ.

"މި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ލިބިފައިވަނީ ނެގެޓިވްކޮށް" މަބްރޫކް ވިދާޅުވިއެވެ.

މަނަދޫން ފުރަތަމަ ކޮވިޑް ޖެހުނު މީހާ ބަލިން ރަނގަޅު ވެފައިވަނިކޮށް ރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗްގައި ނިޔާވެފައެވެ. އެމީހާ ނިޔާވީ އެހެން ބައްޔެއްގައި ކަމަށް ޑޮކްޓަރުން ބުނެއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހާ އައިޖީއެމްއެޗް އަށް އައިސްފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށާއި ބަލީގެ އަލާމާތަކާއި ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޮންނަ އުސޫލުގެ ތެރެއިން އެމީހާގެ ސާމްޕަލް ނެގި ކަމަށާއި އަދި ފަރުވާ އަށްފަހު އެމީހާ ދެން ދިޔައީ ގެސްޓް ހައުސްއަކަށް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"ގެސްޓް ހައުސް އަކަށް ދިޔަފަހުން އެމީހާގެ ނަތީޖާ އައިސްފައިވަނީ. ނަތީޖާ އައިއިރު ޕޮޒިޓިވް. އެއާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ވަރުގަދަ އަށް އެބަކުރޭ. މާލޭގެ ކޮންޓެކްޓް ޓްރޭސިން އާއި އަދި މަނަދޫގެ ކޮންޓެކްޓް ޓްރޭސިން" އަފްޒަލް ވިދާޅުވިއެވެ.

އެ މީހާ ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަރަންޓީނުކޮށްފައިވާއިރު، އެ ބައްޔަށް އެ ރަށުން އިތުރު 9 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.