Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދުވާލަކަށް 40-30 ކޭސް ފެނުމަކީ ދަށް އަދަދެއް

ދުވާލަކު 30 ނުވަތަ 40 ޕޮޒިޓިވް ކޭސް ފެނުމަކީ ދަށް އަދަދެއް ކަމަށް، އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޒަލް ވިދާޅުވީ ދުވާލަކަށް 30 ނުވަތަ 40 ޕޮޒިޓިވް ކޭހަކީ ދަށް އަދަދެއް ކަމަށާއި ނަމަވެސް އެންމެން ވެސް އެދޭނީ ކޭހެއް ނުފެނުން ނުވަތަ ފަހަކަށް ވުރެ މައްޗަށް ނުދިޔުން ކަމަށެވެ.

"އެހެންނަމަވެސް މިފަދަ ބަލިތަކުގައި އަބަދުވެސް އިންނާނެ ބޭސްލައިނެއް. ވަރަށް ލަފާކުރެވޭ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 އާއި ދޭތެރޭގައި ކަމަށް. އެއީ މިފަދަ އެހެން ބަލިތަކަށް ބަލާއިރު ވެސް ބޭސްލައިން އުޅެނީ މިހާވަރަށް" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ގައުމެއްގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ އޭގެފަހުން އެއަށް ކިޔާނީ "އެންޑެމިކް" ބައްޔެއް ކަމަށާއި އެފަދަ ގޮތަކަށް ހުންނަ ބަލިތަކުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ ކަމަށެވެ. އެގޮތުން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަނަމަ، އެ ގައުމެއްގެ ބޭސްލައިނަކީ އެއީ ކަމަށް ބެލެވިދާނެ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އަދި މާލޭގެ އާބާދީ އަށް ބަލާއިރު ނިސްބަތުން 30 ނުވަތަ 50 ކޭސް ފެނުމަކީ މިފަދަ ބަލިތަކަށް ބަލާއިރު ގިނަ އަދަދެއް ނޫން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ވެސް 58 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މި އަދަދާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 1274 އަށް އަރާފައެވެ. 109 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފައެވެ.