Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފްރަންޓްލައިނުގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވް ވެފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފްރަންޓްލައިނުގައި މަސައްކަތް ކުރާ 239 މީހުން ވެސް ހިމެނޭ ކަމަށެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މެއި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު 51 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ނަމަވެސް މިފަހަކަށް އައިސް ފްރަންޓްލައިނުގައި ހަރަކާތްތެރިވާ މީހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

ފްރަންޓްލައިނުގައި ހިމެނޭ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގެ މީހުންގެ އިތުރުން ސަލާމަތީ ބާރުތަކާއި، ޒަރޫރީ ބޭނުންތަކަށް ފްރަންޓްލައިނުގައި ހަރަކާތްތެރިވާ މީހުން ވެސް ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 1274 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 109 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.