Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރާއްޖެއިން ޕާކިސްތާނަށް ތައުޒިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިއަށް އެގައުމުގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަހްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާޙިދުގެ މެސެޖްގައި ވިދާޅުވީ މަތިންދާބޯޓު ވެއްޓުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

އަދި ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މި މަތިންދާ ބޯޓު ވެއްޓިފައިވަނީ ކަރާޗީގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފްލައިޓުގައި ތިބީ 99 ފަސިންޖަރުންނާއި 8 ކްރޫންނެވެ. މިހާތަނަށް 57 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު ދެ މީހަކު ވަނީ ސަލާމަތްވެފައެވެ.

މި ފްލައިޓް ވެއްޓިފައިމިވަނީ ލޮކްޑައުން އަށް ފަހު އެގައުމުގައި ކޮމާޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މަތިން ބޯޓުތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް މީގެކުރިން ޕާކިސްތާނުގައި ހިނގާފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ވެއްޓި ވަނީ 47 މީހަކު މަރުވެފައެވެ.