Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯދުމަށް މަޝްވަރާ ކުރެއްވުމަކީ މިވަގުތު ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އަކީ ޔާމީންގެ ސަރުކާރާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ދެ ގައުމު ކަމަށާއި މި ދެ ގައުމުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ރާއްޖެ މި ހާލަތުން އަރައިގަތުމަށް ޔާމީނަށް ހޯއްދަވައިދެއްވޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން އެއްގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގުސަދުގައި މިކަން ކުރުމަށް ވެސް ޖާބިރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.