Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ތައިލޭންޑްގެ ކުންފުންޏަކުން ރާއްޖެ އަށް ޕީސީއާރް މެޝިނެއް ހަދިޔާކޮށްފި

ތައިލޭންޑްގެ މައިނާ ހޮޓެލްސް ގްރޫޕުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ، ޕީސީއާރް މެޝިނެއް ރާއްޖެ އަށް ހަދިޔާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ގްރޫޕުން ޕީސީއާރް މެޝިނެއްގެ އިތުރުން 100 ގެލޮންގެ ހޭންޑް ސެނިޓައިޒާ ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ. މި ތަކެއްޗަކީ ކޮވިޑް އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މުހިއްމު ތަކެތިކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ހޮސްޕިޓާލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ މައިނާ ހޮޓެލްސް ގްރޫޕުން އަންނަނީ ދުނިޔޭގެ 55 ގައުމެއްގައި 537 ހޮޓެލް މިހާރުވެސް އޮޕަރޭޓް ކުރަމުންނެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ތަންތަނުގެ ތެރޭގައި އަނަންތަރާ މޯލްޑިވްސް ރިސޯޓު ހިމެނެއެވެ.

ކޮވިޑަށް ޓެސްޓު ކުރުމުގެ ކަންކަން ރާއްޖޭގައި މިހާރު ކުރަމުން އަންނަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބުގައެވެ. އަދި އާދީއްތަ އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި ވެސް ކޮވިޑަށް ޓެސްޓު ކުރުމުގެ ކަންކަން ފެށުމަށް ވަނީ ނިންމާފައެވެ.

މައިނާ ހޮޓެލް ގްރޫޕުން ޕީސީއާރް މެޝިނެއް ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު، ވެލާ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓް ހަދިޔާކޮށްފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ވަނީ ރާއްޖެ އަށް 15 ވެންޓިލޭޓަރު ހަދިޔާކޮށްފައެވެ. އަދި ސިންގަޕޫރުގެ އިތުރު ކުންފުންޏަކުން ރާއްޖެއަށް 5000 ޓެސްޓު ކިޓު ވެސް ވަނީ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 1274 މީހުން ޕޮޒިޓިވް ވެފައިވާއިރު، 109 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.