Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ކުރެވުނު މަސައްކަތުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ

ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވާނެ ކަމަށް ލަފާކުރި މިންވަރަށް ގޯސް ވެގެން ނުދިޔަ ނަމަވެސް މި ބަލިން ރާއްޖެ ސަލާމަތްވީ ކަމަށް އަދި ދެކިގެން ނުވާނެ ކަމަށެވެ. އަދި ލަފާކުރި މިންވަރަށް ރާއްޖޭގެ ހާލަތު ގޯސްނުވީ ސަރުކާރުން ކުރި ހަރުދަނާ މަސައްކަތްތަކާއި ދުރާލާވި ތައްޔާރީތަކާއި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ރައްޔިތުން ތަބާވުމުން ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ރާއްޖޭގައި ކޮވިޑްގެ ހާލަތު ނިމުނީއެއް ނޫން. މި ބަލިން އަޅުގަނޑުމެން ސަލާމަތްވީއެއް ނޫން. މި ބަލީގެ ކަންކަން މިހާރު އޮތް ހިސާބުން ނިމުކަކަށް އައިކީއެއް ނޫން. ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްވެގެން މިދިޔައީ. ހާލަތު ގޯސްވާނެ ކަމަށް ލަފާކުރި މިންވަރަށް ގޯސް ވެގެން ނުދިޔައީ ސަރުކާރުން ކުރި ހަރުދަނާ މަސައްކަތްތަކާއި ދުރާލާވި ތައްޔާރީތަކާއި ރައްޔިތުން ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ތަބާވުމުން" އަމީން ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އެއްކޮށް ކޮންޓްރޯލް ކުރެވިއްޖެއޭ ބުނުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ބަލި ފެތުރޭ ނިސްބަތަށް ބަދަލުތަކެއް މިހާރު އައިސްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އެއީ އެކަކު ކޮންޓެކްޓްވާ މީހުންގެ އަދަދު 40 އިން މިހާ ހިސާބަށް އައިރު ކުރެވުނު މަސައްކަތުން މިވަނީ ހަޔެކަށް، ހަތެކަށް ބަދަލުކުރެވިފައި. އޭގެ މާނައަކީ މިހާރު އަޅުގަނޑުމެންގެ ތެރެއިން މީހަކު ބައްދަލު މިވަނީ ގާތްގަނޑަކަށް ހަ މީހުންނާއި ހަތް މީހުންނާ. އޭގެތެރޭގައި ވެސް ފާހަގަކޮށްލަންޖެހޭ ގޭގައި ތިބޭއިރު މައިގަނޑު ގޮތެއްގައި ހިމެނެނީ ގޭގައި އުޅޭ މީހުންކަން. އެއީ އައިސްފައިވާ ބަދަލެއް" އަމީން ވިދާޅުވިއެވެ.

މީގެއިތުރުން އަމީން ވަނީ ލޮކްޑައުނަށް ލުއިތަކެއް ދިނުމުން ދެން ބަލި ފެތުރުމަށް އަންނާނެ ބަދަލުތައް ބަލަމުންދާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ލޮކްޑައުނަށް ލުއި ދިނުމުން ވެސް ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތައް މިހާރުވެސް ތަބާވީ ފަދައިން ކުރިއަށް އޮތް ތަނުގައި ވެސް އެ ކަންކަމަށް ތަބާވުން މުހިއްމުކަން އަމީން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް ކޮވިޑުން އަދި ސަލާމަތްވީ ކަމަށް ނުނިންމާ ކަމަށާއި އެކި ފިޔަވަޅުތައް އަޅަމުންދަނީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.