Last Updated: April 16, 23:13
Tuesday, April 16, 2024
ދުނިޔެ

ބޯޓު ވެއްޓުމުގެ ހާދިސާގައި 92 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިއަށް ވެއްޓުނު އެގައުމުގެ މަތިންދާ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 92 މީހަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މި މަތިންދާ ބޯޓުގައި ތިބީ 91 ފަސިންޖަރުންނާއި 8 ކްރޫންނެވެ.

ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މީރާން ޔޫސުފް "އަލްޖަޒީރާ" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިހާތަނަށް 92 މީހަކު މަރުވެފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 60 މީހެއްގެ ހަށިގަނޑު ކަރާޗީގެ އެންމެ ބޮޑު ހޮސްޕިޓަލުގައި އަދި 32 މީހެއްގެ ހަށިގަނޑު ކަރާޗީގެ އިތުރު ހޮސްޕިޓަލުގައި ބާއްވާފައިވާ ކަމަށެވެ.

މި ހާދިސާ އިން ދެ މީހަކު ސަލާމަތްވިއިރު އެ މީހުންނަށް ކަރާޗީގެ ހޮސްޕިޓަލެއްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށްވެސް މީރާން ވިދާޅުވިއެވެ.

މި ފްލައިޓް ވެއްޓުނީ މީހުން ދިރިއުޅޭ ހިސާބަކަށް ކަމުން، އެ ސަރަހައްދުގައި ދިރިއުޅޭ ގެތަކުގެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ މީހުންނަށް ވެސް އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ.

މި ފްލައިޓް ވެއްޓިފައިމިވަނީ ލޮކްޑައުން އަށް ފަހު އެގައުމުގައި ކޮމާޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މަތިން ބޯޓުތައް ވެއްޓުމުގެ ގިނަ ހާދިސާތަކެއް މީގެކުރިން ޕާކިސްތާނުގައި ހިނގާފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ވެއްޓި ވަނީ 47 މީހަކު މަރުވެފައެވެ.