Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އެމްއެމްޕީއާރްސީއޭ ކިޔަސް ބިރެއް ނުގަންނާނެ: ރޮޒެއިނާ

ސިޔާސީ ގޮތުން ހިޔާލުތަފާތުވާ އިރަށް އެމްއެމްޕީއާރްސީއޭ ކިޔަސް ބިރެއް ނުގަންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ރޮޒެއިނާ އަށް ތުހުމަތުތަކެއް ކުރަން ފެށުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ހުށަހެޅި އޭނާ ކަމަށާއި، އެމްއެމްޕީއާރްސީން އޭނާ ކޮށްފައި އޮތް ވައްކަމެއް ނޯންނާނެ ކަމަށެވެ. އަދި މިހާރުވެސް އެދެނީ ވީހާވެސް އަވަހަކަށް މި މައްސަލަ ބަލައި ނިންމަން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އިރަށް އެމްއެމްޕީއާރްސީއޭ ކިޔާފައި ފަށައިގަސް ބިރެއް ނުގެންނާނެ" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވާފައެވެ. ވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވި އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފަ އެވެ.