Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ޖޫން 8 ގެ ފަހުން ޔޫކޭ ދާ އެންމެން ކަރަންޓީނު ކުރަނީ

[Toby Melville/Reuters]

އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ފަހުން އިނގިރޭސި ވިލާތަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރުމަށް އެޤައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ އިންޓީރިއަރ މިނިސްޓަރ ޕްރީތީ ޕަޓެލް ވިދާޅުވީ އެޤައުމު މިހާރު ވަނީ ބަލީގެ ޕީކުން އަރައިގަނެވިފައި ކަމަށާއި، އެހެން ކަމުން، ޤައުމަށް ބަލި އެތެރެވުން ހުއްޓުވައި، ބަލި އަލުން ފެތުރުންވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

"އަހަރެމެން އެއްކޮށް ބަންދު ކޮށްލަނީކީ ނޫން. އަހަރެމެންގެ ބޯޑަރުތައް ބަންދެއް ނުކުރަން" ޕަޓެލް ވިދާޅުވިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އެޤައުމަށް އެތެރެވާ އިނގިރޭސިވިލާތުގެ މީހުންނާއި، ޤައުމަށް އެތެރެވާ އެންމެން ހެން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނީ އަމިއްލައަށެވެ. އަދި މިގޮތަށް ހުންނަ ހުރުމުގައި ހުންނާނެ ތަނުގެ ފުރިހަމަ މަޢުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް އެފަރާތަކުން ފޯރުކޮށްދޭން ޖެހޭނެއެވެ.

ނަމަވެސް، ރިޕަބްލިކް އޮފް އަޔަރލެންޑުން އެޤައުމަށް އެތެރެވާ މީހުން ކަރަންޓީނު ވާކަށް ނުޖެހެއެވެ. އަދި ކަރަންޓީނު ވާން ނުޖެހޭ މީހުންގެ ލިސްޓުގައި، ފްރެއިޓް ޑްރައިވަރުންނާއި، ސިއްޙީ މަސައްކަތްތެރިންގެ އިތުރުން މޫސުމީ ދަނޑުވެރިން ނުހިމެނެއެވެ.

ކޮންމެ ތިން ހަފްތާއަކުން މި އުސޫލުތައް މުރާޖައާ ކުރުމަށް ނިންމާފައިވާއިރު، މި އުސޫލުތަކަށް މީހުން ތަބާވޭތޯ ބެލުމަށް "ސްޕޮޓް ޗެކު"ތައް ކުރިއަށް ގެންދެވޭނެއެވެ. މި ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވާ މީހުން 1000 ޔޫކޭ ޕައުންޑު ނުވަތަ 1218 އެމެރިކާ ޑޮލަރުން ޖުރުމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި ވިލާތުން މިގޮތަށް ނިންމާފައިވާ އިރު، ފްރާންސުގެ އިންޓީރިއަރ މިނިސްޓްރީ އިން ވަނީ އިނގިރޭސި ވިލާތުން އެޤައުމަށް އެތެރެވާ މީހުންނާ މެދު މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން ގެންގުޅޭކަން "ހިތާމައާއި އެކު" ފާޅުކޮށްފައެވެ.

މިހާތަނަށް އައި އިރު، ކޯވިޑް-19 ޖެހިގެން އިނގިރޭސި ވިލާތުގައިވަނީ 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.