Last Updated: April 27, 09:13
Saturday, April 27, 2024
ސިޔާސީ

އެމްއެމްޕީއާރުސީ މައްސަލަ ބަލަން އެންމެ ބޮޑަށް ބޭނުންވަނީ ނަޝީދު: އިންތި

އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން އެންމެ ބޮޑަށް ބޭނުންވާ ސިޔާސީ ލީޑަރަކީ އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދުކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައިސް ޔާމީން އަބްދުލް ގައްޔޫމް އެކަނި ޖަލަށް ލެއްވުމަކީ އިންސާފެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ނަޝީދު އެމްޑީޕީގެ އިސްފަރާތްތަކެއް ހިމެނޭ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ އެމްއެމްޕީއާރުސީގެ ވައްކަން ބަލާނެ ކަމަށް ބުނެ ރައްޔިތުންނަށް ވައުދުވެފައި ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެވާހަކަފުޅުތަކަށް ބާރު ދެއްވައި އިންތި ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނު މަޖްލިސްއިން މީގެ އެއް އަހަރު ކުރިން ފާސްކޮށްދީފައިވާ ކަމަށެވެ. އަދި "ދޮގު އަތް ބާނައިގެން އުޅޭ އަނދިރި ފަރާތް ނޭނގޭ" ކަމަށް އިންތި ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުލަތުން ހިންގާފައިވާ ހިޔާނާތާއި ވައްކަން ބެލުމަށް ހާއްސަ ރިޔާސީ ކަމިޝަނެއް އުފައްދާފައެވެ. ނަމަވެސް ކަމިޝަނުގެ މަސައްކަތް ކުރިއަށް ނުދާތީ އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.