Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލަތައް ކޯޓުތަކުގައި ލަސްވާ މައްސަލަ ނުބަލާތީ ސުވާލު އުފައްދައިފި

ގާޒީ ހައިލަމް- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމްއެމްޕީއާރްސީގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ މައްސަލަ ނުބަލާތީ އެކަމާއި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ޖޭއެސްސީގެ މެންބަރު މުހައްމަދު ނަޝީދަށް ސުވާލު އުފައްދަވައިފިއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައިވާ ކަމަށެވެ. މިމައްސަލަތަކުން ދައުލަތަށް 600 މިލިއަން ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަތަށް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.

ހައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ ނަޝީދުގެ އަމިއްލަ އަތްޕުޅުން ލިޔެ އެމްޑީޕީގެ އިސްފަރާތްތައް ހިމެނޭ ވަޓްސްއަޕް ގްރޫޕަކާއި ހިއްސާ ކުރެއްވި ލިޔުމެއްގައި ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް، އެކަން ކުރުމުގައި އަޅުގަނޑުމެން ފަސް ޖެހެންވީ ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެރިކަމަށް އައުމަށް ރައްޔިތުންނަށްވީ ވައުދު ފުއްދަން ޖެހޭ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަން ބުނި ކަންކަން ވެސް ބަލަން ޖެހޭ ކަމަށެވެ.

"މަރު ކޮމިޝަންގެ މައްސަލަތައްވެސް، ހަމަ މިފަދަ، ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން" ނަޝީދުގެ މެސެޖުގައިވެއެވެ.