Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި 69 މީހަކަށް އެލަވަންސް ދީފި

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި 69 މީހަކަށް އެލަވަންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ވަޒީފާ ގެއްލިފައިވާ މީހުންނާއި އިނާޔަތްތައް ކުޑަކޮށްފައިވާ މީހުންގެ ތެރެއިން 69 މީހަކަށް 290،000 އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. މި 69 ފަރާތަކަށް 5,000 ރުފިޔާގެ މަގުން ދީފައިވަނީ ލިޔެކިޔުންތައް ފުރިހަމަކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިންކަމް ސަޕޯޓު އެލަވަންސް" އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ. މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހެވެ. މި މަހުގެ އެއްވަނަ ދުވަހުން މި މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫންއެވެ. އަދި ޖޫން މަހުގެ އެއްވަނަ ދުވަހުން އެ މަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ. އަދި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ވަނީ އެ ސެންޓަރުގައި ރަޖިސްޓްރީވެފައެވެ.

ސަރުކާރުން ވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ނިންމާފައެވެ. މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.

އުސޫލުގައި ބުނެފައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ 5،000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބިގެންދާނެ ކަމަށެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.