Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

އީދުގެ ދަރުމަ އާއި ޘަވާބު އިތުރުކުރުމަށް ނިކަމެތިންނަށް އެހީވެދީ

ފިތުރު އީދުގެ ދަރުމަ އާއި ޘަވާބު އިތުރުކުރުމަށް ނިކެމަތިންނަށް އެހީތެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ޢީދަކީ، އެންމެންގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލްވުމާއެކު، އުފާ ފާޅުކޮށް އުޅުމުގެ ދުވަހެއް ކަމަށާއި ޢީދުގެ އުފާ ފާޅުކުރުން އޮތީ، މުޖުތަމަޢުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ޙާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމަޢުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިޠުރު ޢީދުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ" ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ފިޠުރު ޢީދު މިފަހަރު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިޤްތިޞާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހު ކަމަށާއި މިއީ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުގައި ހާސިލުކުރި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޢީދުގެ އުފާވެރިކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ، އެ މުޖުތަމަޢެއްގެ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި މިހާރު މި ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ޙާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވަނީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމެވެ" ރައީސް ވިދާޅުވިއެވެ.