Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

ލަލީގާ ފެށުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފި

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތް ސްޕެނިޝް ލަލީގާ އަލުން ފެށުމުގެ ހުއްދަ، ސްޕެއިންގެ ސަރުކާރުން މިއަދު ދީފިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މިއަދު ވިދާޅުވީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގުގެ ކުޅުން ފެށުމަށް ހުއްދަ ދީފައިވާ ކަމަށާއި ގިނަ ހަރަކާތްތަކެއް އަލުން ފެށުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.

"އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން، ސްޕެނިޝް ލީގު އަލުން ފެށިދާނެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ހަމައެކަނި ސްޕެނިޝް ލީގު އެކަންޏެއް ނޫން އެނބުރި އަންނަން ހަމަޖެހިފައިވަނީ" ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްޕެއިންގެ ސަރުކާރުން މި ހުއްދަ ދިން ނަމަވެސް ލީގު ރަސްމީކޮށް އަލުން ފަށާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެކުރިން ލަލީގާގެ ރައީސް ވަނީ އަންނަ މަހުގެ 12 ގައި ލީގު ފެށުމަށް އުއްމީދުކުރާ ކަމަށް ވިދާޅުވެފައެވެ.

މި ހަފްތާގެ ކުރީކޮޅު ސްޕެނިޝް ލީގުގެ ކްލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ލީގުގެ ކުޅުން މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ސްޕެނިޝް ލީގުގައި ބާކީ އަދި 11 މެޗު އޮތްއިރު، އެއްވަނައިގައި 58 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.