Last Updated: July 5, 20:34
Saturday, July 5, 2025
ދުނިޔެ

ލޮކްޑައުންގައި ދެއްވި އެއްބާރުލުމަށް ޖަރުމަނުގެ ރައީސްގެ ޝުކުރު މުސްލިމުންނަށް

ޖަރުމަނުވިލާތުގައި ދިރިއުޅޭ މުސްލިމުން ބަރަކާތްތެރި ރަމަޟާންމަހު ފުރަބަންދުގެ ކަންތައް ގެންދިޔަގޮތާމެދު ތައުރީފުކުރައްވައި، މުސްލިމުންނަށް ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓެއިން ޝުކުރު އަދާކުރައްވައިފިއެވެ.

މުސްލިމުންގެ އެންމެ މަތިވެރި މައްސަރުގައި ރޯދައިގެ މަތިވެރި އަޅުކަން އަދާކޮށް ނިމުމާ ދިމާކޮށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ފުރަބަންދުގައި ރޯދައިގެ އަޅުކަން ކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެއްކަމުގައެވެ.

"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެއީ މިދަތި ދަނޑިވަޅު ކޮރޯނާވައިރަސްއާ ދެކޮޅަށް އަޅުގަނޑުމެން ކުރި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެން އަޅުގަނޑުމެންނަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އެހީތެރިވެދެއްވީތީ." ރައީސް ފްރޭންކް ވޯލްޓަރ ވިދާޅުވިއެވެ.

އިޖުތިމާއީ ދުރުހެލިކަން ބޭއްވުމުގެ ބަދަލުގައި މުސްލިމުންނަކީ ޚާއްޞަ ގޮތެއްގައި ރޯދަމަހު ވަރަށް ގުޅިގެން އަޅުކަންކޮށް އެކުގައި އުޅޭ ބައެކެވެ.

ހުކުރުދުވަހު މުސްލިމުންނަށް އިޝާރާތްކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ބައިމަދު ޖަމާޢަތްތަކަށް އަމާޒުކޮށް ޖަރުމަންގައި ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށް ވައުދުވެވަޑައިގަތެވެ.

"ނަފުރަތު އުފެއްދުން ވަކިވެގަތުމަށް މަސައްކަތް ކުރުން، މުސްލިމުންނާ ދެކޮޅަށް ދެވޭ އަނިޔާވެރި ހަމަލާތައް، މިސްކިތްތަކަށް ހަމަލާ ދިނުން، މިކަންތައްތައް އަޅުގަނޑުމެންނަށް ބަރުދާސްތެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަންތައްތަކަށް ހުއްދައެއް ނުދޭނަން." ރައީސް ވިދާޅުވިއެވެ.