Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިތުރު 39 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި 39 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި، 16 ދިވެހިންނާއި އިންޑިއާގެ ހަތް މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ކަމަށެވެ.

މި 39 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1313 އަށް އަރާފައެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 109 މީހަކު ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި 11 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިހާރު އަންނަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުޔެއް ދިނުމަށް ތައްޔާރުވަމުންނެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން ކަމަށެވެ.

އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށާއި، އެ ގޮތުން މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.