Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

އޯ ލެވެލް އިމްތިހާނު އަންނަ އަހަރަށް ފަސްކޮށްފި

ދަރިވަރުންތަކެއް އިމްތިހާނެއް ހަދަނީ

އޯ ލެވެލް އިމްތިހާނު އަންނަ އަހަރަށް ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރި ސާނަވީ ނިންމާ އިމްތިޙާނުތައް އަންނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިބަދަލާއި އެކު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެ ކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މޭ/ޖޫން ގައި ކަމަށް އެޑިއުކޭޗަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދަސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން އަންނަ އަހަރުގެ މޭ/ޖޫން އިމްތިޙާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އަދި މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.