Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވެކްސިނެއް ލިބިންދެން މުޖުތަމައުގެ ތެރޭގައި ބަލި އުޅޭނެ

ކޮވިޑް-19 އަށް ވެކްސިނެއް ލިބިންދެން މުޖުތަމައުގެ ތެރޭގައި ބަލި އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

މިއީ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުރާދު ވިދާޅުވީ މިކަމަށް ކާމިޔާބު ވެކްސިނެއް ނުލިބޭހާ ހިނދަކު މުޖުތަމައުގެ ތެރޭގައި ބަލި އުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުންނަނަމަ ދެން އިތުރު އަދަދުތައް އުފެދޭނީ އެ އަދަދުތަކުން ކަމަށްވެސް މުރާދު ވިދާޅުވިއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެސް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވަމުން މުރާދު ވަނީ ލޮކްޑައުނަށް ލުއި ދިނުމުން ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ސީދާ ނަމްބަރެއް އިނގޭނީ ލޮކްޑައުނަށް ކޮންމެވެސް ވަރަކަށް ލުޔެއް ދިނުމުން ކަމަށާއި އެގޮތުން ލުއި ދިނުމުން ކޭސްތައް ފެންނަ މިންވަރަކުން ލުއި ދިނުމުގެ އިތުރު ފިޔަވަހިތަކަކަށް ދެވޭނެ ކަމަށްވެސް މުރާދު ވިދާޅުވިއެވެ.

"ވަރަށް ބޮޑުތަނުން ނަމްބަރުތައް އިތުރުވާން ފަށައިފިނަމަ، ލުއިދޭ ތަންކޮޅެއް އަނެއްކާވެސް ހަރުކަށި ކުރަންޖެހޭ ފަދަ ހާލަތަކަށް ހިނގައިދާނެ" މުރާދު ވިދާޅުވިއެވެ.

މީގެއިތުރުން ލޮކްޑައުނަށް ލުއި ދިނުމުން ކޭސްތައް އިތުރުވާނެ މިންވަރު އަންދާޒާކުރަން މިވަގުތު ދަތި ކަމަށާއި ނަމަވެސް ލުއި ދިނުމުން އެ ހިސާބުތައް ހަދަމުންދާނެ ކަމަށްވެސް މުރާދު ވިދާޅުވިއެވެ.

މި ބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުން އަންނައިރު، ވެކްސިނެއް ލިބޭނީ އަންނަ އަހަރު ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖެއިން މި ބައްޔަށް މިހާތަނަށް 1313 މީހުން ޕޮޒިޓިވް ވެފައިވާއިރު، 127 މީހަކު ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.