Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

މިސްކިތްތައް ހުޅުވާލި ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދެން ފަށައިފި

މިސްކިތްތައް ހުޅުވާލި ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް އެކި ފަރާތްތަކުން އެދެމުންދާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި މިކަމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ޓެގް ޓީމާއި އެޗްޕީއޭއިން ކަމަށާއި މިހާރުވާނީ އެ ބޭފުޅުންގެ ލަފަޔަކަށް އެދިފައި ކަމަށެވެ.

ލޮކްޑައުންގައި ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. މިސްކިތްތައް ހުޅުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

އެގޮތުން މިސްކިތަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނައުމަށާއި، މިސްކިތުގައި މާގިނަ ވަގުތުތައް ހޭދަނުކުރުމަށާއި، މިސްކިތަށް އަންނައިރު މުސައްލާ ހިފައިގެން އައުމަށާއި، މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނުބޭއްވުމުގެ އިތުރުން މިސްކިތަށް އަންނައިރު މާސްކު އަޅައިގެން އައުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އެންގީ މާލެ ސަރަހައްދަށެވެ. ނަމަވެސް ފަހުން މާލެ އިން ކޮވިޑް19 ފެނުމާއި އެކު އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް އަންގާފައެވެ.