Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ހަތް ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދީފި

ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން މިރޭ ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި ކުރިން ބުނެފައިވާނެ ކަމަށެވެ.

އަދި މޮނީޓަރިންގެ ޙާލަތުން ދޫކޮށްލާތާ 14 (ސާދަ) ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވާ ހަތް ރަށަކީ މިވަގުތު މޮނީޓަރުންގެ ހާލަތުގައިވާ މާލެ ސިޓީއާއި ށ.ނަރުދޫ އާއި ނ.މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލުމަށްފަހު 14 ދުވަސް ފުރިހަމަނުވާ ކ.ހިންމަފުއްޓާއި ކ ތުލުސްދޫއާއި ހއ.ތަކަންދޫގެ އިތުރުން ށ.މިލަންދޫ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި ރަށްރަށުގެ މިސްކިތްތަކުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި " صلوفي بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށް އަންގާފައެވެ.