Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ލޮކްޑައުން ފިޔަވަޅުތައް ލުއި ކުރުމާއެކު ދެވަނަ ޕީކެއް އަތުވެދާނެ: ޑަބްލިއުއެޗްއޯ

AFP via Getty Images

ލޮކްޑައުން ފިޔަވަޅުތައް ޤައުމުތަކުން ލުއި ކުރުމާއެކު، ދުނިޔޭގައި ބަލީގެ ދެވަނަ ޕީކެއް އަތުވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ދީފިއެވެ.

ހޯމަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ހެލްތު އެމަޖެންސީ ޕްރޮގްރާމްގެ އެގްޒެކިޓިވް ޑިރެކްޓަރ، ޑރ. މާރކް ރަޔަން ވިދާޅުވި ގޮތުގައި ދުނިޔެ މިހާރު އޮތީ "ފުރަތަމަ ރާޅު" ގެ ތެރޭގައެވެ.

"އަހަރެމެން އަދިވެސް މިތިބީ ބަލި [ގެ އަސަރު] އިތުރަށް މައްޗަށް ދަމުންދާ ހާލަތެއްގައި" ކަމަށް ޑރ. މާރކު ވިދާޅުވިއެވެ.

"އަހަރެމެން ދަންނަން އެބަ ޖެހޭ މި ބައްޔަކީ [ފެތުރުމުގެ ބާރުމިނަކީ] ކޮންމެ ވަގުތެއްގައިވެސް މައްޗަށް ހިނގައިދާނެ އެއްޗެއް ކަން. އަހަރެމެންނަކަށް އަންދާޒާއެއް ނުކުރެވޭނެ، މިބަލި މިހާރު ދަށަށް ދާތީ، ދެންވެސް ދާނީ ދަށަށް ދަމުން ކަމަށް، އަދި [ބަލީގެ] ދެވަނަ ރާޅަކަށް ތައްޔާރުވުމަށް މަސްތަކެއް ނަގުން – ފަހަރުގާ މިކަމުގެ ސަބަބުން ދެވަނަ ޕީކެއްވެސް އަތުވެދާނެ."

ރަޔަން އިތުރަށް ވިދާޅުވިގޮތުގައި މި ދެވަނަ ރާޅު ނުވަތަ ދެވަނަ ޕީކެއް އަތުވެދާނެ ކަމަށް ބެލެވެނީ އިންފްލުއެންޒާ ފެތުރޭ ދުވަސްކޮޅާއި ދިމާކޮށެވެ. އަދި މިގޮތަށް ވެއްޖެނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އިންފެކްޝަސް ޑިޒީޒް އެޕިޑީމިއޮލޮޖިސްޓް ޑރ. މާރިއާ ވެން ކަރކްހޯވް ވިދާޅުވި ގޮތުގައި، "ހުރިހާ ޤައުމެއް [އަދިވެސް] ރަނގަޅަށް ސަމާލުވެގެން ތިބެން އެބަ ޖެހޭ. ހުރިހާ ޤައުމެއްވެސް ވީހާވެސް ގިނައިން ކޭސްތައް ދެނެގަނަން ތައްޔާރަށް ތިބެން އެބަ ޖެހޭ. ބަލި ފެތުރޭ މިންވަރު ދަށް ކުރެވިފައިވާ ޤައުމުތައްވެސް.. ކޭސްތައް މަދުން ފެންނަ ޤައުމުތައްވެސް ވަރަށް ސަމާލުގައި ތިބެން ޖެހޭ އެބަ."

ޑރ. ވެން ކަރކްހޯވް ވިދާޅުވީ ފުރުސަތު ލިބިއްޖެނަމަ، ބަލީގެ އައުޓްބްރޭކެއް، ނުވަތަ ބަލި އަލުން ފެތުރެން ފަށާނެ ކަމަށެވެ.

"ކޮރޯނާ ވައިރަސްގެ ހޯލްމާކެއް ބައެއް ހާލަތްތަކުގައި (ކްލޯޒްޑް ސެޓިންގސްގައި) ބަލި އެމްޕްލިފައި ވެގެން ދިޔުން. ބަލި ފެތުރުމުގައި އޭގެ ކުޅަދާނަކަން – ނުވަތަ ސުޕަރ ސްޕްރެޑިން މެދުވެރިވާ ހާލަތަކަށް ދިޔުން. އަދި މިފަދަ ކްލޯޒްޑް ސެޓިންގތަކުގައި އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ހާލަތްތަކެއް މިހާރުވެސް. ފުރުސަތު ދެވިއްޖެނަމަ، ބަލި ވަރަށް ފަސޭހައިން ފެތުރިގެންދާނެ."

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން މިފަދަ އިންޒާރެއް ނެރެފައިވާ އިރު، ރާއްޖޭގައިވެސް ލޮކްޑައުންގެ ފިޔަވަޅުތައް ދަނީ ދުވަހުން ދުވަހަށް ފަސޭހަ ކުރަމުންނެވެ. އެގޮތުން މިއަދު ރާއްޖޭގެ މަޖިލިސް ކުރާ ގޭގައި އަލުން ޖަލްސާތައް ބޭއްވުމަށްވެސް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.