Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު

ޕީއެސް 5 ގެ ކޮންފެރެންސެއް އަންނަ ހަފްތާގައި ބޭއްވުމަށް ރާވަނީ

ސޮނީ ކޯޕް އިން ނެރުމަށް ހަމަ ޖެހިފައިވާ ނެކްސްޓް ޖެނެރޭޝަން ޕީއެސް 5 ގެ ގޭމުތަކާއި ބެހޭ ޑިޖިޓަލް ކޮންފެރެންސެއް އަންނަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރަމުން އެބަ ދެއެވެ. މިކަން އެކުންފުނީގެ މަސައްކަތްތަކުގެ ސީދާ މައުލޫމާތު އެނގޭ ފަރާތަކާއި ހަވާލާދީ ދަ ސްޓަރގައި ވަނީ ކަށަވަރުކޮށް ދީފައެވެ.

މި ކޮންފެރެންސް ޖޫން 3 ގައި ބޭއްވުމަށް ވާހަކަ ދެކެވެމުން ދިޔަނަމަވެސް، ފަހަރުގާ ތާރީޚު ބަދަލު ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަންނަ ހަފްތާއާއި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޕީއެސް5 ގެ އެކި ހަރަކާތްތައް އެކުންފުނިން ކުރިއަށް ގެންދާނެއެވެ. ފުރަތަމަ ކޮންފެރެންސުގައި ޕްލޭއި ސްޓޭޝަންގެ ގޭމުތަކާއި ބެހޭ މައުލޫމާތު ހާމަ ކުރިނަމަވެސް ކޮންސޯލްގެ ހުރިހާ މައުލޫމާތެއް ހާމަ ކުރަން ހަމަޖެހިފައި ނުވެއެވެ. އަދި ސޮނީއިން ވެސް މިކަމާއި ބެހޭގޮތުން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.

ޖަޕާނުގެ މި ބޮޑު ޓެކް ކުންފުނިން މިހާތަނަށް ޕީއެސް 5 އާއި ގުޅިގެން ހާމަކޮށްފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ. ނަމަވެސް ޕީއެސް 5 މި އަހަރުގެ ޗުއްޓީ ތެރޭގައި ހާމަ ކުރާނެ ކަން މީގެ ކުރިން އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ޕީއެސް ގެ ފޭނުން ތިބީ މި ޕްލޭއި ސްޓޭޝަނާއި ބެހޭ މައުލޫމާތުތައް ނެރޭނެ ދުވަހަކަށް ކެތް މަދުވެފައެވެ.

ނަމަވެސް ސޮނީގެ އެންމެ ބޮޑު ވާދަވެރިޔާ މައިކްރޮސޮފްޓުން ވަނީ އެކުންފުނިން ބަހާރުގައި ނެރެން ހަމަޖެހިފައިވާ އެކްސް ބޮކްސް ސީރީސް އެކްސް ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށް ޤަވައިދުން ސްޓްރީމް ކުރަމުންނެވެ.