Last Updated: April 25, 17:42
Thursday, April 25, 2024
ކުޅިވަރު

ޕްރިމިއާ ލީގު އަންނަ މަހު 17 ގައި ފަށަނީ

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަންނަ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކްލަބުތަކާއެކު މިއަދު ޕްރިމިއާ ލީގުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗުގެ އިތުރުން އެސްޓަންވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. ދެން ހުރި ޓީމުތަކުގެ މެޗުތައް އަންނަ މަހުގެ 19، 20 އަދި 21 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހަށް ނިންމަން ވެސް މިހާރު ވަނީ ނިިންމާފައެވެ. ޕްރިމިއާ ލީގުގައި ބާކީ އަދި 92 މެޗު ކުޅެން އެބައޮތެވެ.

މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން މިހާރު ވަނީ ފަރިތަކުރުންތައް ވެސް ފަށާފައެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފަހަރު ކުޅުންތެރިންނާއި ސްޓާފުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުންތެރިއަކު އަދި ސްޓާފަކު ވެސް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ހަތް ދުވަހުގެ މުއްދަތައް އައިސޮލޭޓް ވާން ޖެހޭނެއެވެ.

ލީގުގެ ކުޅުން މެދުކަނޑާލިއިރު 25 ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ.