Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އައްޑޫ، ހުވަދޫ، އަދި ފުވައްމުލަށް ސޭފް ޓޫރިޒަމަށް ނުހުޅުވާންވީ ކީއްވެ؟

ސައުތު އެފްރިކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓު ގަމަށް ޖެއްސުމުން އައްޑޫ މޭޔަރ އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މަރުހަބާ ދަންނަވަނީ، ފޮޓޯ: ޝަރަފް/އައްޑޫލައިވް

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވާ އިރު ރާއްޖޭގެ މުޅި އިގްތިސާދު މިވަނީ ހުއްޓިފައެވެ. ރާއްޖޭގެ އާމްދަނީގެ 60 އިން ސައްތަ ހިއްސާ ކުރާ ފަތުރުވެރިކަން މިވަނީ މުޅިން ހުއްޓިފައެވެ. މުޅި ރާއްޖެ މިވަނީ ހުއްޓިފައެވެ.

ޗައިނާގެ ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މިވައިރަސް މިހާރު މިދަނީ މިރާއްޖޭގައިވެސް ފެތުރެމުންނެވެ. އެޕްރީލް 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސް އާއި އެކު މާލެ ސަރަހައްދު ވަނީ ފުލް ލޮކްޑައުންގައެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެއިން 1513 މީހަކަށް މިވަނީ ބަލި ޖެހިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކުރާގޮތުން ރާއްޖޭގައި މިހާރު މިވަނީ ބަލި ކޮންޓްރޯލްވެފައެެވެ. އެހެންވެ އެޗްޕީއޭއިން މިހާރު އަންނަނީ ލޮކް ޑައުންއަށް ލުއިތަކެއް ދެމުންނެވެ.

ރާއްޖޭގައި ބަލި ފެތުރެމުންދާ ގޮތާއި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރާއްޖެ އަލުން ހުޅުވާލުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ. އެގޮތުން ފަތުރުވެރިކަން އަލުން ހުޅުވާލުމަށް "ސޭފް ޓޫރިޒަމް ޕްލޭން"އެއް ވަނީ އެކުލަވާލާފައެވެ. ހާއްސަ ފިޔަވަޅު ތަކާއި އެކު ރާއްޖޭގެ ބޯޑަރު އަންނަ ޖޫން މަހު ހުޅުވުމަށް އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.

ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވާލުމުގެ ވާހަކަ ތަކާއި އެކު އައްޑޫ، ހުވަދޫ، ފުވައްމުލަށް ހިމެނޭ ގޮތަށް "ސޭފް ޓޫރިޒަމް" ޒޯނެއްގެ ގޮތުގައި ހުޅުވާލުމުގެ ބަހުސް މިވަނީ ގަދަވެފައެވެ. ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު މިވަގުތު މާލެ ސަރަހައްދުގެ ހާލަތު އޮތް ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި، ހިދްމަތް ދިނުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. ސަބަބަކީ މާލެ އޭރިއާގެ ތޮއްޖެހުމާއި، ބަލި އަދިވެސް އެ ސަރަހައްދުގައި ފެތުރެމުން އައުމެވެ.

އެމްޑީޕީގެ ރައީސްކަން ކުރެެއްވި އަދި އެމްޑީޕީ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ ކޮވިޑް-19 ފްރީ ޒޯނެއް ކަމަށެވެ. ޑީޑީ ވިދާޅުވީ ގަން އިންޓަނޭޝަނަލް އެެއާޕޯޓު ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލައި، މި ސަރަހައްދު ޓޫރިޒަމަށް ހުޅުވާލަންވީ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އައްޑޫގެ ބައެއް ވިޔަފާރިވެރިންވެސް ވަނީ މިވަގުތަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކޮށް ރާއްޖޭގެ ޓޫރިޒަމް މަޑުމަޑުން ހިންގަން ފަށަންވީ ވަގުތުކަަމަށް ދެކޭކަމަށް ބުނެފައެވެ. އެފަރާތްތަކުން ދެކޭ ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާރުވެސް އޮތީ އޮޕަރޭޝަނަށް ރެޑީކޮށެވެ.

"ގަން އެެއާޕޯޓު މިހާރުވެސްވީ ސޭފް ޓޫރިޒަމް ގޭޓުވޭއަކަށް ހަދަން، ގަމުގައި އެބަހުރި، އެއާޕޯޓު އޮޕަރޭޓު ކުރާނެ މުވައްޒަފުން ބައިތިއްބައިގެން އޮޕަރޭޓު ކުރެވޭނެ އިންތިޒާމް، އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮވިޑް-19 ޓެސްޓު ހެދޭގޮތަށް ހަދައި، މި ސަރަހައްދަށް އަންނަ ޓޫރިސްޓުން ސްކްރީން ކުރުން މާ ފަސޭހަވާނެ" ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އައްޑޫ ވިޔަފާރިވެރިއަކު ބުންޏެވެ.

ސޭފު ޓޫރިޒަމަށް ބަލާއިރު، ހުވަދޫގެ ރިސޯޓުތަކާއި، އައްޑޫގެ ރިސޯޓުތަކުން މި ސަރަހައްދުގައި ޓޫރިޒަމް ފެށުމާއި އެކު މަޑުމަޑުން ރާއްޖެއަށް އާމްދަނީ ލިބެން ފަށާނެއެވެ. އެެއާއި އެކު މަޑުމަޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި، ހާއްސަ އިންތިޒާމެއްގެ ދަށުން ފަތުރުވެރިކަން ފެށިގެންދާނެއެވެ.

އަދި މިއީ ދެކުނުގެ ޓޫރިޒަމް ފަށައިގަންނަންވީ ވަގުތެވެ.