Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

20،000 އަށް ވުރެ ގިނަ ކޯވިޑް-19 ޓެސްޓް ހެދިއްޖެ: އައިޖީއެމްއެޗް

Photo: PSM

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ލެބޯޓްރީގައި 20،000 އަށް ވުރެ ގިނަ ކޯވިޑް-19 ޓެސްޓް ހެދިއްޖެ ކަމުގައި އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް މިއަދު އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓުގައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ،

"20،000 އަށް ވުރެ ގިނަ ކޯވިޑް-19 ޓެސްޓު (މި ހޮސްޕިޓަލުގެ) ލެބޯޓްްރީގައިވަނީ ހެދިފަ. މިކަމަށް އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރަން. ކޮންމެ ޓެސްޓަކަށް ކުރަން ޖެހޭ އެތައް މަސައްކަތަކުން ފެށިގެން ރިޕޯޓުތައް ވަގުތުން ވަގުތައް ފޯރުކޮށް ދިނުމާއި ހަމައަށް، އެ ފަރާތްތަކުން ދަނީ ދެގޮތެއް ނުވެ މަސައްކަތް ކުރަމުން. ޝުކުރިއްޔާ!" އެ ހޮސްޕިޓަލުގެ ޓްވީޓުގައި ވެއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ އިތުރުން ފުލުހުންގެ ލެބާއި، އޭޑީކޭގައި ވެސް މިހާރު ކޯވިޑަށް ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އައްޑޫ ސިޓީގެ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިންވެސް މި ހަފްތާގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓުކުރުން ފެށިގެން ދާނެ ކަމަށް އެ ކްލިނިކުން ވަނީ ހާމަކޮށްފައެވެ.

މިއަދާއި ހަމައަށް ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1773 އާއި ހަމައަށް ގޮސްފައެވެ. އަދި ބަލިން ރަނގަޅު ވި މީހުންގެ އަދަދު ވަނީ 453 ގައެވެ.