Last Updated: April 24, 17:43
Wednesday, April 24, 2024
ޚަބަރު

އެބޯލާ ފެތުރެން ފަށައިފި، ހަތަރު މީހުން މަރުވެއްޖެ

ނުރައްކާތެރި އެބޯލާ ބަލި ކޮންގޯގައި ފެތުރި ހަތަރު މީހުން މަރުވެއްޖެކަމަށް ކޮންގޯގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮންގޯގައި އެބޯލާ ފެތުރެން ފަށާފައިވާކަން ހާމަކޮށްފައި މިވަނީ ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް-19 ހަލުވި ކަމާއި އެކު މުޅި ދުނިޔޭގައި ފެތުރި، ދުނިޔެ ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ. ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް މުޅި ދުނިޔެއިން މަސައްކަތް ކުރަމުން އަންނަ އިރު އަދި ފަރުވާއެއް ހޯދިފައި ނުވެއެވެ.

ކޮންގޯގެ އިކުއެންޓަ ޕޮރޮވިންސްގެ ގަވަނަރު ވިދާޅުވީ މިހާތަނަށް އެ ޕޮރޮވިންސުން 6 މީހަކު ބަލި ޖެހިފައިވާ އިރު 4 މީހަކު މަރުވެފައިވާ ކަމަށެވެ. މިއީ ޕޮރޮވިންސްގައި މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކަމަށް ގަވަރުނަރ ވިދާޅުވިއެވެ. އެބޯލާ ކޮންގޯގައި ފެތުރެމުން އަންނަކަން ރަސްމީކޮށް މިހާރު ވަނީ ޑަބްލިއުއެޗްއޯއަށް އަންގާފައެވެ.

ކޮންގޯގައި މިދިޔަ ޖުލައި މަހުވެސް ވަނީ އެބޯލާ ފެތުރިފައެވެ. އޭރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފައިވަނީ އެއީ ދުނިޔެ ކަންބޮޑުވާން ޖެހޭފަދަ ބަލި މަޑުކަމެއް ކަމަށެވެ. މި ސަބަބާއި ހެދި މިދިޔަ އަހަރު ކޮންގޯގެ ހައްޖުވެރިންނަށް ސައުދީން ވަނީ ވިސާ ނުދީފައެވެ. އެފަހަރު 1700 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.

ކޮންގޯގައި އެބޯލާ ފެތުރެމުން އަންނަ އިރު އެގައުމުގައި ކޮވިޑް-19 އަށް 3000 މީހަކު ޕޮޒިޓިވްވެފައިވާ އިރު 21 މީހަކު ވަނީ މަރުވެފައެވެ.