Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ސަރުކާރު "އޮޅުމެއްގެ" ތެރޭގައި!

ދިވެހި ރަދީފުގައި "އޮޅުން" މި ލަފްޒު ހަތް ގޮތަކަށް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ. އޭގެތެރެއިންވެސް ހަތްވަނަ ގޮތުގައި ބުނެފައިވަނީ "ކަންކުރާންވީގޮތް ނޫން އެހެން ގޮތަކަށް، ނޭނގިގެން ކުރެވުން" މިހެނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދައުލަތެއްގެ ސިފަ ޖެހިގެން އުފެދިފައިވާ ސަރުކާރެއްގެ ތެރެއިން އޮޅުމެއްގެ ތެރެއިން އެއްފަހަރާ އެހާ ގިނަ ކަންކަން ކުރެވިދާނެ ހެއްޔެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސުވާލަށް ޖަވާބު ދެއްވައިފިއެވެ. ޖަވާބަކީ އާނއެކެވެ. "އޮޅުމަކުން" މިސަރުކާރަށް ލައްކަ ކަންކަން ކުރެވިއްޖެއެވެ.

ސަރުކާރަށް އެކަންކަން ކުރެވުނީ ނުވަތަ ސަރުކާރުގެ އެކި އިދާރާތަކަށް އެކަން ކުރެވުނީ އޮޅުމަކުން ކަމަށްވީ ނަމަވެސް ރައްޔިތުންނަށް އޮޅިގެންވެސް އެކަންކަން ގަބޫލެއް ނުކުރެވޭނެއެވެ. އޮޅުމެއްގެ ތެރޭގައި ސަރުކާރަށް ކަންތައްތަކެއް ކުރެވުނުކަން އެނގިގެން މިދިޔައީ އޮޅުމެއްގެ ތެރެއިން އާއްމު ރައްޔިތަކު ވަޒީފާއިން ކަނޑާ އެއްލާލި ހިސާބުންނެވެ.

މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުން އައި މީހެކެވެ. އޭނާ ވަކިކޮށްފައިވަނީ، ރައީސުލް ޖުމުހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާތީ ކަމަށް ވަކިކުރި ކަމުގެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ.

އަދި މަގާމުން ވަކިކޮށްފައިވަނީ އަމަލުތައް ތަކުރާރު ނުކުރުމަށް ތަކުރާރުކޮށް އިންޒާރު ވެސް ދިނުމަށް ފަހުގައި ކަމަށް މި ނޯޓިސްގައި ބުނެފައިވެއެވެ. ކޮންމެއަކަސް މިއީ ވަޒީފާގެ ބިރު ނުދައްކާނެ ކަމަށާއި ބޭނުން ހިޔާލެއް ފާޅުކުރިއަސް ވަޒީފާގެ ޔަގީންކަން ދޭން ބުނި ސަރުކާރެވެ. އެކަމަކު ސޯޝަލް މީޑިއާގައި އެމްޕީއެލް އަށް މިކަމުގެ ސަބަބުން ފާޑު ކިޔުންތައް އަމާޒުވާން ފެށިއެވެ. އާދައިގެ ރައްޔަތު މީހާގެ ފަރާތަކުން ނޫނެވެ. ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ފަރާތަކުން ނޫނެނެވެ. ސީދާ މަތިންނެވެ. ޕާޓީގެ ލީޑާޝިޕު ލެވަލް އިން ފެށިގެންނެވެ.

އެހާ ހިސާބުން އެކަން ކުރެވުނީ ކުރިން ދެންނެވި ފަދައިން ދިވެހި ރަދީފުގައި "އޮޅުން" އެ ލަފްޒުގެ މާނައިގައިވާ ގޮތަށް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެއީ "ކަންކުރާންވީގޮތް ނޫން އެހެން ގޮތަކަށް، ނޭނގިގެން ކުރެވުން" މިހެނެވެ. އަދި އެފަދައިން [ދެ ރައީސުންގެ އަބުރު ކަތިލި ކަމަށް ބުނެ] މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވުނީ އޮޅުމަކުން ކަމަށާއި އެގޮތަށް އޭނާ އަށް ދިން ޗިޓުގައި އިބާރާތް ކުރެވުނީ އޮޅުމަކުން ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ އޮންނަ އުސޫލުގެ ތެރެއިން ކޯޑް އޮފް ކޮންޑަކްސްއާ ހިލާފުވެގެން ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ސަރުކުާރުގެ "އޮޅުން ބޮޅުންތައް"

މިހާ ހިސާބުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އޮޅުމަކުން ކުރެވުނު ކަންކަން ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. މި ސަރުކާރުގެ ތެރޭގައި އޮޅުމަކުން ކުރެވުނު ކަންކަމުގެ ތެރޭގައި "އޮޅުމަކުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ޓްވީޓާ އެކައުންޓު ހެކްކުރި ކަމަށްބުނެ އޮޅުމަކުން ޓްވީޓެއް" ކުރެވުނެވެ. ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒަށް "ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް" ކަމަށް ވިދާޅުވެވިފައިވެއެވެ. ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށް ދެއްކުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ޓްވީޓާގައި ޕޯސްޓު ކުރި ފޮޓޯތަކެއްގައި "ތަފާތު އެކި ރަށްރަށުގައި ކުރިޔަށް ގެންދާ މަޝްރޫއުއަކަށް އެއް ފޮޓޯއެއް އޮޅުމަކުން ބޭނުން" ކުރެވިފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ރާއްޖެއަށް "ކުޅިވަރުގެ ރޮނގުން މިސަރުކާރު އައިފަހުން ހަތްދިހަ މެޑަލް ލިބިފައިވާ ކަމަށް" ވެސް ޖެހިފައިވަނީ އޮޅުމަކުންނެވެ. ހަމައެއާއިއެކު މޮނީޓަރިންގެ ހާލަތަށް މާލޭގެ ގަލޮޅުން ގެއެއްވެސް ލެވުނު ވާހަކަ މީޑިއާތަކުގައި ފެންމަތިވިއެވެ. ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އެކަންވެސް ކުރެވުނީ އޮޅުމަކުން ކަމަށެވެ. ކޮވިޑް-19 އަށް ކުޑަކުއްޖަކު ޕޮޒިޓިވްވުމުން ކަރަންޓީނަށް ގެންދިޔައީ ބަލި ނެތް ކުއްޖެކެވެ. ބަލިވީ ކުއްޖާ "އޮޅިގެން" ބެހެއްޓުނީއެވެ. މިއީ ހައްތަހާވެސް "އޮޅުމަކުން" މިސަރުކާރަށް ކުރެވިފައި ހުރި ކަންކަމެވެ.

މިކަމުން އެނގެނީ ސަރުކާރުގެ ޒިންމާދާރު ކަމެއް ނެތް ކަމެވެ. މީހަކު ވަޒީފާއިން ކަނޑާ އެއްލާލިއިރު މުޅި ގައުމަށް ފުރަތަމަ އެންގީ އޭނާ ވަޒީފާއިން ކަނޑާލީ ދެ ރައީސުންގެ އަބުރާ ބެހިގެން ކަމަށެވެ. ނަމަވެސް މީހުން ހަޅޭއް ފަޅޭއް ލަވަން ފެށުމުން އެކަން ކުރެވުނީ އޮޅުމަކުން ކަމަށް ހެދީއެވެ. އެ ކުންފުންޏަށް އެކަން ކުރެވުނީ އޮޅުމަކުން ކަމަށް ބުނެވުނު ނަމަވެސް އޮޅިގެންވެސް ރައްޔިތުން އެ ކުންފުނީގެ ވާހަކަ އަޑެއް ނާހާނެއެވެ. މިވަރު އޮޅުމެއްގެ ތެރޭގައި އުޅޭ ސަރުކާރުގެ ވެރިއަކަށް ހުންނަވާ ބޭފުޅާ މާދަމާ ނޫސްވެރިންނާއި ބައްދަލުކުރައްވާ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާ ދެއްވައިފީމޭ" މިފަދައިން ވިދާޅުވެ ޖެހިގެން އަންނަ މިނެޓުގައި އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ވެސް ބުނުމުގެ ފުރުސަތު މިއޮތީ ފަހިވެފައެވެ.